ރާޅު ގުޑި އިވެންޓް

ޅޮހީގެ "ފަން ތޮފި" ވަރަށް ކަމުގޮސްފި!

ނ. ޅޮހިން: ނާޒިމް ހަސަން
Jun 27, 2019

ރާޅުގުޑީގެ އެތުލީޓުން އިއްޔެ އެންމެ ފަހުގެ މަންޒިލެއްގެ ގޮތުގައި އައިސްފައިވަނީ ނ. ޅޮއްސަށެވެ. އެކުވެރި، ހިތްހެޔޮ ރައްޔިތަކު އުޅޭ ޅޮއްސަށް ކައިޓް ސާފުކުރަމުން އެތުލީޓުން އައީ އިއްޔެ ހަވީރު އެވެ. އެއީ މަނަދޫއިން ނައްޓާލައިގެންނެވެ.

"ރާޅުގުޑި"އަށް މަރުހަބާ ކިޔުން ޅޮއްސަށްވީ އާއިލާއަކަށް މަރުހަބާ ކިޔުން ފަދަ ކަމަކަށެވެ. އެއީ މި އިވެންޓްގެ ކުރޫގައި ހިމެނޭ ގިނަ މެންބަރުންގެ އުފަން ރަށަކީ މިއީ ކަމަށްވާތީ އެވެ.

އިއްޔެ ހަތަރު އެތުލީޓުން ޅޮއްސަށް ކައިރިކުރިއިރު ރަށުގެ ބަނދަރު މަތީ ސަގާފީ ރީތި ހެދުންތަކުގައި ގިނަ ކުޑަކުދިންތަކެއް ތިއްބެވެ. ރަށުގެ ގިނަ ބަޔަކު ވެސް ބަނދަރު މަތީ ތިއްބެވެ. ބަނދަރު ވެސް ވަނީ ސަގާފީ ގޮތްގޮތަށް ޒީނަތްތެރިކޮށްފަ އެވެ.

އެތުލީޓުންނަށް މަރުހަބާ ކިޔުމަށް އަތުގައި ތޮއްޕެއް ހިފައިގެން ހަތަރު ކުއްޖަކު ވަރަށް ޒީނަތްތެރިވެލައިގެން ތިއްބެވެ. އެ ކުދިންގެ ކައިރީގައި ފެން އަޅާފައިހުރި ރުނބާއެއް ހުއްޓެވެ. ކުޑަ ދާންޏެއް ވެސް އޮތެވެ. ރަށަށް އަރާ މެހެމާނުން މޫނު ދޮވެ ތާޒާވެލުމަށެވެ. އެތުލީޓުން ރަށަށް އެރުމާއެކު އެންމެ ފުރަތަމަ ވެސް ހަދިޔާކުރީ ތޮއްޕެވެ. އެ ތޮއްޕަކީ ފަނުން ވިޔެ ވަރަށް ރީއްޗަށް ހަދާފައިވާ ތޮފިތަކެކެވެ. ހަތަރު އެތުލީޓުންނަށް ވެސް މި ތޮފި ވަރަށް ކަމުދިޔަ އެވެ. އެ އަޅައިގެން އެކި ގޮތްގޮތަށް ފޮޓޯތައް ވެސް ނެގި އެވެ.

މި ތޮއްޕަކީ ޅޮހީގެ ސީޑް އެސޯސިއޭޝަންގެ މަސައްކަތެކެވެ. އެ އެސޯސިއޭޝަނުގެ އިތުރުން "ރާޅުގުޑި"އަށް މަރުހަބާ ކިޔުމުގައި އެކްސްސީޑް އާއި ސާފް ސްކުއާ އާއި ކައުންސިލާއި އަންހެނުންގެ ކޮމެޓީ އަދި ޅޮހި ސްކޫލް ބައިވެރިވެފައިވެ އެވެ.

އެތުލީޓުން ރަށަށް އެރުމާއެކު، ރީތި ސަގާފީ ހެދުންތަކުގައި ތިބި ކުޑަކުދިންތައް އެތުލީޓުންނާ ސަލާންކޮށްލައި ބައްދަލުކޮށްލަން ކެތްމަދުވެގެން އުޅެ އެވެ. ބަނދަރުމަތީ ސަފު ދަމާލައިގެން ތިބި އެ ހުރިހާ ކުދިންނާ އެތުލީޓުން ސަލާންކުރި އެވެ. އަދި ކައިޓް ސާފިންގެ ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ޔޫރީޒޫންއާއެކު ގިނަ ކުދިން ވަނީ ފޮޓޯ ވެސް ނަގާފަ އެވެ.

އޭގެފަހުން ރަށުގެ އަންހެންވެރިން ތައްޔާރުކޮށްފައިވާ މީރު ހެދިކާތައް އެތަނަށް ގެނަ އެވެ. މަނަދޫއިން މެންދުރުގެ ބޮޑު ކެއުމެއް ކާއިގެން އައިސް ވެސް ޅޮހީގައި ހަދާލާފައިވާ މީރު ހެދިކާތައް ނުކައި ދޫކޮށްނުލެވުނެވެ. ރޭގެ ކެއުން ވެސް އޮތީ ޅޮހީގަ އެވެ. ސްކޫލްގައި ކެއުމުގެ އިންތިޒާމް އޮތްއިރު، ތަފާތު ދިވެހި ކެއުންތައް ތައްޔާރުކޮށްފައި ހުއްޓެވެ.

މިއަދު އުތުރަށް ވަރަށް ވައި މަޑެވެ. އެހެންވެ، އެތުލީޓުން މިއަދުގެ ދަތުރުގައި އަދި ނައްޓާނުލަ އެވެ. ޅޮހީގައި މަޑުކޮށްގެން ތިބީ އެވެ. ދެން ދިޔުމަށް ހަމަޖެހިފައިވަނީ ށ. ފުނަދޫއަށެވެ. އެ ރަށް ދަނީ މިކަމަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެއަށްފަހު ހދ. ކުޅުދުއްފުއްޓަށް ދާނެ އެވެ. އޭގެ އަނެއް ދުވަހު، ހއ. އުތީމަށާއި ތުރާކުނަށް ދިޔުމަށް ވަނީ ހަމަޖެހިފަ އެވެ. ހަރަކާތް ނިންމާލާނީ ތުރާކުނުގަ އެވެ. އެއީ ރާއްޖޭގެ އެންމެ އުތުރެވެ.