ދުނިޔެ

ޓްރަމްޕް: އިންޑިއާއިން ނަގާ ޑިއުޓީ ބަލައެއް ނުގަނެވޭނެ

އެމެރިކާއިން އިންޑިއާގެ އެކްސްޕޯޓް މުދަލުން ޑިއުޓީ ބޮޑުކުރުމާއި ގުޅިގެން ރައްދުގައި އިންޑިއާއިން އެމެރިކާގެ މުދަލުން ނަގަން ފަށާފައިވާ ޑިއުޓީ ބަލައި ނުގަނެވޭނެ ކަމަށާއި އެ ޑިއުޓީނެގުން ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައިފި އެވެ.

އެމެރިކާއިން އިންޑިއާގެ ޑިއުޓީ ނުނަގާ ބައެއް މުދަލުން ޑިއުޓީ ނަގަން ފެށުމާއި ގުޅިގެން އިންޑިއާއިން އެމެރިކާގެ 28 މުދަލަކުން ވަނީ ޑިއުޓީނަގަން ފަށާފަ އެވެ.

އޭގެ އިތުރުން އިންޑިއާގެ އީ-ކޮމާސް މާކެޓްގައި ހަރުކަށި ގަވާއިދުތަކަށް އަމަލުކުރަން ފަށާފައި ވާއިރު އެ ގައުމުގެ އޮންލައިން ޑޭޓާ އެހެން ގައުމުތަކަށް ނުފޮނުވޭ ގޮތަށް ނިންމާފައި އޮތުމުގެ ސަބަބުން އެމެރިކާއަށް ވަމުންދާ ގެއްލުމާމެދު ވެސް ޓްރަމްޕް ނުރުހުން ފާޅުކޮށްފައި ވެއެވެ.

"އަހަރެން އިންތިޒާރުކުރަން އިންޑިއާގެ ބޮޑުވަޒީރު މޯދީއާއި ބައްދަލުކޮށްފަ އަހަރުތަކެއް ވަންދެން ވެސް އެމެރިކާގެ މުދަލުން ބޮޑެތި ޑިއުޓީ ނަގަމުން ދާއިރު އެގޮތަށް ކަންތައް ކުރާ ސަބަބު އޮޅުންފިލުވާލަން. މީގެ ދުވަސްކޮޅެއް ކުރިން ވެސް އެއޮތީ ޑިއުޓީ ބޮޑުކޮށްފަ" ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

ޓްރަމްޕްގެ ޓްވީޓް ކުރައްވާފައި ވަނީ މިއަދު އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ އިންޑިއާއަށް ވަޑައިގެން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ބައްދަލު ކުރެއްވުމަށް ފަހު ފުރާ ވަޑައިގެންނެވި ފަހުން ނެވެ.

ދެ ގައުމުން ޖީ-20 ސަމިޓުގައި ބައްދަލުވާން ނިންމާފައި ވާއިރު އިންޑިއާއިން ނަގަމުންދާ ޑިއުޓީ އެއްގޮތަކަށް ވެސް ބަލައިނުގަނެވޭނެ ކަމަށާއި އެގޮތަށް ޑިއުޓީނެގުން ހުއްޓާލަން ޖެހޭކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އިންޑިއާ ސަރުކާރުން ބުނަނީ އެހެން ގައުމުތަކުން ނަގަމުންދާ ޑިއުޓީއަށް ވުރެ އިންޑިއާއިން ނަގާ ޑިއުޓީ ކުޑަވާނެކަމަށާއި އެމެރިކާއިން ބައެއް މުދަލުން ނަގަމުންދާ ޑިއުޓީ މިހާރުވެސް މާބޮޑު ކަމަށެވެ.

އިންޑިއާއިން މިދިޔަ އަހަރުގެ ޖޫން މަހު އެމެރިކާގެ ބައެއް މުދަލުން 120 ޕަސެންޓް މައްޗަށް ޑިއުޓީ ނަގަން އަމުރެއް ނެރެފައިވަނީ އެމެރިކާއިން އިންޑިއާއަށް ސްޓީލްއާއި އެލިމީނިއަންއިން ނަގާ ޑިއުޓީ ކުޑަކޮށް ނުދިނުމުން ނެވެ. ނަމަވެސް އިންޑިއާއިން އޭރު އެއަށް އަމަލުކޮށްފައި ނުވާ ސަބަބަކީ އޭރު ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ މަޝްވަރާތައް ކުރަމުން ދިއުމުން ނެވެ.