ރާޅު ގުޑި އިވެންޓް

33 މިނެޓް: ބޮޑު، ތިން ބަސްތާގެ ޕްލާސްޓިކު ފުޅި!

ނ. ޅޮހިން: ނާޒިމް ހަސަން
Jun 27, 2019
1

ރާއްޖޭގެ ދެކުނުން އުތުރަށް ކައިޓް ސާފުކުރުމަށް ކުރިއަށް ގެންދާ "ރާޅުގުޑި" ހަރަކާތަކީ ޕްލާސްޓިކާ ދެކޮޅަށް ހިންގާ ކެމްޕެއިނެއްވެސްމެ އެވެ. މި ދަތުރުގައި ކައިޓް ދުއްވަމުންދާއިރު މޫދުން ފެންނަ ޕްލާސްޓިކް ފުޅި އާއި ރަށްރަށުގެ ގޮނޑުދޮށުން ފެންނަ ޕްލާސްޓިކް ފުޅި ދަނީ އެއްކުރަމުންނެވެ.

ކަނޑަށް ކުނި އެޅުމާ ދެކޮޅަށް ހަރަކާތްތެރިވާ "ޕާލޭ" އާ ގުޅިގެން މި ދަތުރުގެ ތެރެއިން ހޮވާ ޕްލާސްޓިކް ފުޅީގެ ބަރުދަން ދަނީ ބަލަމުންނެވެ. އެތުލީޓުން ރޭގަނޑު ނިދުމަށް އަރާ ރަށްރަށުގައި ސާފުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދާއިރު ދަތުރު މަތީ ފިނޮޅުތަކާއި ފަޅު ރަށްތަކަށް މަޑުކޮށް ވެސް ޕްލާސްޓިކް ފުޅި ދަނީ ހޮވަމުންނެވެ.

މިއަދު މެންދުރުފަހު އެތުލީޓުން ވަނީ ނ. ޅޮހީގެ ގޮނޑުދޮށް ސާފުކޮށްފަ އެވެ. ރަށުގެ ބައެއް ޒުވާނުންނާއެކު އެތުލީޓުން މިއަދު ސާފުކުރީ ރަށުގެ ބަނދަރާ ޖެހިގެން އޮންނަ ގޮނޑުދޮށެވެ. ސްޓޮޕް ވޮޗް ޖައްސައިގެން ހަރަކާތް ފެށީ 40 މިނެޓް ތެރޭގައި ދެ ޖަންބޯގެ ޕްލާސްޓިކް ފުޅި ހޮވުމުގެ ޓާގެޓާއެކު އެވެ.

އެއީ މާބޮޑު ބީޗެއް ވެސް ނޫނެވެ. ނަމަވެސް ސާފުކުރަން ފެށުމާއެކު އެތަނުން ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅިތައް ފެނިއްޖެ އެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ތިން ޖަންބޯ ބޭގްގެ ޕްލާސްޓިކް އެއްކުރެވިއްޖެ އެވެ. އޭރު އަދި ހިނގީ 33 މިނެޓެވެ. މިއީ މިހާތަނަށް މި ދަތުރުގައި އެއް ތަނަކުން އެންމެ ގިނަ ޕްލާސްޓިކް ފުޅި ހޮވުނު ތަނެވެ.

ޕްލާސްޓިކުން ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް އެތައް ގެއްލުންތަކެއް ވަމުންދާއިރު މިހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މިހާ ގިނަ ޕްލާސްޓިކް ފުޅި ހޮވުމަކީ މީގެ ނުރައްކާ އޮތް ހިސާބު ދައްކައިދޭ ކަމެކެވެ.

މި ދަތުރުގެ ތެރޭގައި ގިނަ ރަށްތަކަަކަށް އެތުލީޓުން އަރާފައިވާއިރު އެއިން ކޮންމެ ރަށަކުން ވެސް ހޮވާ ފުޅިތައް ދަނީ ޕާލޭއާ ހަވާލުކުރަމުންނެވެ. އެމީހުން އެ ފުޅީގެ ބަރުދަން ބެލުމަށްފަހު ދަނީ އަންގަމުންނެވެ. ދަތުރު ނިމޭއިރު ޖުމްލަ ބަރުދަން ލިބޭނެ އެވެ.