ހަބަރު

ގްރީން ފަންޑުން 14 މަޝްރޫއަކަށް 22 މިލިއަން ރުފިޔާ ހޭދަކޮށްފި

Jun 28, 2019
5

ގްރީން ޓެކުހުގެ ފައިސާ ޖަމާވާ "ގްރީން ފަންޑުން" ތަފާތު 14 މަޝްރޫއެއް ހިންގަން މެއި މަހުގެ ނިޔަލަށް 22 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީ އިން އާއްމުކޮށްފައިވާ މެއި މަހުގެ ނިޔަލަށް ގްރީން ފަންޑުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އޮފިޑާއި ދިވެހި ސަރުކާރުން ހިންގި ރައްކާތެރިކޮށް ކުނި ނައްތާލުމުގެ މަޝްރޫއަކަށެވެ. މި މަޝްރޫއަށް 7.4 މިލިއަން ރުފިޔާ އެވެ.

ގްރީން ފަންޑުން ހިންގާފައިވާ މަޝްރޫއުތައް

  • ޒޯން ހަތެއްގައި އަބޫދާބީ ފަންޑާއެކު ހިންގާ މަޝްރޫއު
  • ގްރޭޓާ މާލެ ވޭސްޓް މެނޭޖުމަންޓު މަޝްރޫއު
  • ވ. ފުލިދޫ ކުނި ގޮނޑުގެ މަޝްރޫއު
  • ފެނަށް ޖެހޭ ރަށްރަށަށް ފެން ފޯރުކޮށް ދިނުން
  • ހުވަދު އަތޮޅު ކުނި މެނޭޖު ކުރުމުގެ މަޝްރޫއު
  • ފަސް ރަށަކަށް ފެން ފޯރު ކޮށްދިނުން
  • ލ. މާވަށު ސުވަރޭޖް ސިސްޓަމް ތަރައްގީ ކުރުން
  • ހއ. އުތީމު ސުވަރޭޖް ސިސްޓަމް ތަރައްގީ ކުރުން
  • ހއ. ބާރަށު ސުވަރޭޖް ސިސްޓަމް ތަރައްގީ ކުރުން
  • ހއ. މުރައިދޫ ސުވަރޭޖް ސިސްޓަމް ތަރައްގީ ކުރުން
  • އޮފިޑާ ގުޅިގެން ހިންގާ ކުނި ނައްތާލުމުގެ މަޝްރޫއެއް
  • ހދ. އޮމަދޫ ސުވެރޭޖް ސިސްޓަމް ތަރައްގީ ކުރުން
  • ހއ. ހަންޏާ މީދޫ ސުވަރޭޖް ސިސްޓަމް ގާއިމް ކުރުން
  • ތިމަރަފުށީ ފެނުނުގެ ނިޒާމް

"ގްރީން ފަންޑު" ހަދައި މި ފަންޑަށް ފައިސާ ޖަމާ ކުރަން ފަށާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ. އެ ފަންޑުގައި މެއި މަހުގެ ނިޔަލަށް 286 މިލިއަން ރުފިޔާ އެބަހުއްޓެވެ. އަދި މެއި މަހު 77.6 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ. މީގެތެރޭގައި ހިމެނެނީ ރިސޯޓުތަކުން ގްރީން ޓެކުހުގެ ގޮތުގައި ލިބުނު 70 މިލިއަން ރުފިޔާ އާއި ހޮޓެލްސް ތަކުން ލިބުނު 1.6 މިލިއަން ރުފިޔާ އަދި ގެސްޓްހައުސް ތަކުން ލިބުނު 3.1 މިލިއަން ރުފިޔާގެ އިތުރުން ސަފާރީ އުޅަނދު ފަހަރުން ލިބުނު 2.3 މިލިއަން ރުފިޔާ އެވެ.

އޮކްޓޯބަރު 2016 އިން ފެށިގެން ގްރީން ޓެކުހުގެ ނަމުގައި އާ ޓެކުހެއް ނަގަން ފެށީ ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ކަމަށް ބުނެ އެވެ. މި ޓެކްސް ނަގަނީ ގެސްޓްހައުސްތަކުގައި ތިބޭ ޓޫރިސްޓުންގެ ބޮލަކަށް ތިން ޑޮލަރެވެ. އަދި އެހެނިހެން ތަންތަނަށް އަންނަ މީހުންގެ ބޮލަކަށް ހަ ޑޮލަރު ނަގަ އެވެ.