ހަބަރު

އަދީބު ހަ މަސް ފަހުން އިންޑިއާއަށް ދާން ލަފާ ދީފި

ބޭސްފަރުވާއަށް އިންޑިއާގައި މިވަގުތު ހުންނެވި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ހަ މަސް ފަހުން އަލުން ދައްކަން އޭނާގެ ލޮލަށް ފަރުވާ ކުރި ޑޮކްޓަރު ލަފާ ދެއްވައިފި އެވެ.

އަދީބަށް ޖެހިފައިވާ ގުލަކޯމާ ބައްޔަށް ފަރުވާ ހޯއްދަވަމުން އަންނަނީ އިންޑިއާގެ ޕޫނާގައި ހުންނަ ރޫބީ ހޯލް ކްލިނިކް ހޮސްޕިޓަލުންނެވެ. އަދީބަށް ފަރުވާ ދެއްވާ ޑޮކްޓަރު ޝްރުތިކާ ކަންކާރިޔާ ޓައިމްސް އޮފް އިންޑިއާ ނޫހަށް ވިދާޅުވީ، ޖޫން 18 އިން 24 އަށް ތިން ފަހަރެއްގެ މަތީން އެ ހޮސްޕިޓަލްގައި އަދީބަށް ފަރުވާ ދީފައިވާ ކަމަށެވެ. އަދި ފޮލޯއަޕް އަށް ހަ މަސް ފަހުން ދެއްކުމަށް ލަފާދީފައިވާނެ ކަމަށެވެ.

އަދީބަށް ސިއްހީ ގޮތުން އެތައް މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެގޮތުން އޭނާއަށް ގްލަކޯމާ ޖެހިފައިވާކަން އެނގުނީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި މައްސަލާގައި 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް 2017 ވަނަ އަހަރުއެވެ.

އަދީބާއި އޭނާގެ އަނބިކަނބަލުން އިންޑިއާއަށް ފުރާވަޑައިގެންފައިވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އަދި ކުރިން އެނބުރި ރާއްޖެއައުމަށް ހަމަޖައްސާފައި އޮތީ މިދިޔަ ބުދަ ދުވަހު އެވެ. ނަމަވެސް ޑޮކްޓަރުގެ ލަފަޔާއެކު ކަރެކްޝަންސް އިން ވަނީ އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.

އަދީބާއެކު ކަރެކްޝަން ސާވިސްގެ ތިން އޮފިސަރަކާއި ފުލުހަކު ވެސް ގެންދަނީ ހަރަކާތެރި ވަމުންނެވެ.