ހަބަރު

ފިލި މައްސަލާގައި އަދީބަށް ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް

Sep 19, 2019

ފިލައިގެން އިންޑިޔާއަށް ވަޑައިގެންނެވި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ތިން މަހާއި 18 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އަދީބުގެ މައްޗަށް ކުރާ ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާއާ ގުޅިގެން އަންގާރަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަދީބު ވަނީ ކުށަށް އިއުތިރާފުވެފަ އެވެ.

ޝަރީއަތުގައި އަދީބު ވިދާޅުވީ އޭނާ ފިލަން މަސައްކަތް ކުރީ ފުރާނައަށް ނުރައްކާވާ ކަމުގެ އިންޒާރުތައް ލިބެމުންދާތީ ބޭރުގެ ހިޔާމަތް ހޯދަން ކަމަށެވެ. އަދި އެ ކުށަށް އިއުތިރާފްވާ ކަމަށާއި އިއުތިރާފްވި ބަޔާނެއް ފުލުހުންނަށް ދީފައިވާ ކަމަށް އަދީބު ވިދާޅުވި އެވެ. އަދި އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށާއި އެކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

އެ މައްސަލާގައި މިއަދު އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ އަވަސް ނިޔާގެ ޝަރީއަތެވެ. އެ ޝަރީއަތުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ އިބްތިދާއީ އަޑުއެހުމުގައި އަދީބަށް ކޮށްފައިވާ ދައުވާއަށް އިއުތިރާފްވެފައިވާތީ އެކަން އިތުރަށް ސާފުކޮށްފަ އެވެ.

އެގޮތުން އެ ދައުވާއަކީ ތެދު ދައުވާއެއްތޯ އާއި އެ ދައުވާއަކީ ހަގީގަތެއްގެ މައްޗަށް ކޮށްފައިވާ ދައުވާއެއްތޯ ގާޒީ ސުވާލު ކުރި އެވެ. އަދީބު ވިދާޅުވީ އެއީ ތެދު ހަގީގަތެއްގެ މައްޗަށް ކޮށްފައިވާ ދައުވާއެއް ކަމަށާއި އެކުށަށް އިއުތިރާފްވެފައި ވަނީ އެއްވެސް ނުފޫޒެއްނެތި ކަމަށެވެ.

އަދީބު ކުށަށް އިއުތިރާފު ވުމުން ގާޒީ ވަނީ އަދަބާ ބެހޭގޮތުން ދެ ފަރާތަށް ވާހަކަ ދެއްކުމަށް ފުރުސަތުދީފަ އެވެ. އެގޮތުން ދައުލަތުން ހުށަހެޅީ އެއް ދަރަޖަ ދަށްކޮށް ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށެވެ. އެކަމަށް އަދީބު ވެސް ވަނީ އިއުތިރާފްވެފަ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މި މައްސަލައަށް ކަނޑައަޅާފައިވާ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

އަދީބު ވަނީ އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުން ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށް އޭނާއަށް ހުކުމް އިއްވައިދިނުމަށް އެދިފަ އެވެ.

ހުކުމް އިއްވުމުގެ ޝަރީއަތާއި އެއް އެއްކޮށް ކުރިއަށް ގެންދިޔަ މިއަދުގެ އަޑުއެހުމުގައި ހުކުމް އިއްވަމުން ގާޒީ ވިދާޅުވީ އަދީބު ޝަރީއަތުގެ ކުރިން ކުށަށް އިއުތިރާފްވެފައިވާތީ ހުކުމް މަތި ކުރަންޖެހޭ ސަބަބެއް ނެތް ކަމަށާއި ގާނޫނުގައިވާ ގޮތުން ޝަރީއަތުގެ ކުރިން ކުށަށް އިއުތިރާފްވެއްޖެނަމަ ކުށުގެ އަދަބު އެއް ދަރަޖަ ކުޑަކޮށްދޭން ޖެހޭނެ ކަމަށެވެ. އަދީބުގެ އަދަބު އެއް ދަރަޖަ ކުޑަކޮށް ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވައި މައްސަލަ ވަނީ ގާޒީ ނިންމާލައްވާފަ އެވެ.