ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިލައިގެން އިންޑިޔާއަށް ވަޑައިގެންނެވި މައްސަލާގައި އޭނާގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
ފިލަން އުޅެނިކޮށް އަދީބު އަތުލައިގެންފައި ވަނީ "ވާގޯ 9" ނަމަކަށް ކިޔާ ޓަގު ބޯޓެއްގެ ފަޅުވެރިއަކަށް ހެދިގެން އިންޑިޔާގެ ޓުޓިކޮރިންއަށް އެތެރެވާން އުޅެނިކޮށް މި މަހުގެ އެއްވަނަ ދުވަހުގަ އެވެ.
ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ އަދީބު ފިލައިގެން ދިޔަ މައްސަލައިގައި ގާނޫނީ ހިންގުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް އުފުލައި، މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދީބު އިންޑިއާއަށް ގޮސްފައި ވަނީ އޭނާގެ މައްޗަށް މީގެ ކުރިން ކުރި ޖަލު ހުކުމްތައް ކޯޓުތަކުން ބާތިލްކޮށް އޭނާ މިނިވަންވެފައި ވަނިކޮށެވެ.
އޭގެ ފަހުން އަދީބު ވަނީ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފަ އެވެ.
ސުޕްރީމް ކޯޓުން މިގޮތަށް އަމުރު ނެރެނީ އެކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އެ ކޯޓުގައި އެދިފައިވާތީ އެވެ. އެއީ މާބިންހުރާ ހިޔާނާތުގެ މައްސަލައިގެ އިސްތިއުނާފު ޝަރީއަތުގަ އެވެ. އަދީބު ބަންދު ކުރުމަށް އެދުނީ އޭނާ ފިލައިދާނެ ކަމުގެ އިހުތިމާލު އޮތީމަ އެވެ.
އިންޑިއާއަށް އެތެރެވިޔަނުދީ އެ ގައުމުގެ ސަރުކާރުން އަދީބު ފިލައިގެން ދިޔަ ޓަގު ބޯޓުގައި ހިފެހެއްޓުމުން، އޭނާއަށް ބިރު ދައްކައިގެން ކުރީގެ ސަރުކާރުގެ އިސް ވެރިންނާ ދެކޮޅަށް ދޮގު ހެކިބަސް ދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެ ބޭރުގެ ލޯ ފާމެއް މެދުވެރިކޮށް އަދީބު އިންޑިއާގެ ހިމާޔަތަށް އެދިވަޑައިގެންނެވި އެވެ. ނަމަވެސް، އެކަމަށް ވަކި އެއްޗެއް ނުބުނެ އިންޑިއާ ސަރުކާރުން ވަނީ ކަނޑުމަތިން އަދީބު ދިވެހި ފުލުހުންނާ ހަވާލުކޮށްފަ އެވެ.
ޝަރީއަތް ނިމެންދެން އަދީބު ބަންދުކޮށްފައިވާއިރު، އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މަނީ ލޯންޑަރިންގް ޝަރީއަތުގައި އެމަނިކުފާނާ ދެކޮޅަށް ހެކިބަސް ދެއްވައިފަ އެވެ.
އެގޮތުން، މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ހެއްކެއްގެ ގޮތުގައި ހެކިބަސް ދެއްވަމުން އަދީބު ވިދާޅުވީ ރައީސް ޔާމީން ގާނޫނާ ހިލާފު އޯޑަރުތައް ދެއްވި ކަމަށާއި އެ އޯޑަރުތަކާާ އެއްގޮތަށް ގާނޫނާ ހިލާފުވެފައިވާނެ ކަމަށް އިއުތުރާފުވެ ވަޑައިގަންނަވާ ކަމަށެވެ.