ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ފިލި މައްސަލާގައި އަދީބަށް ހުކުމްކުރުން މިއަދު

ފިލައިގެން އިންޑިޔާއަށް ވަޑައިގެންނެވި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރާ ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާގެ އަޑުއެހުމެއް މިއަދަށް ތާވަލުކޮށްފި އެވެ.

އަދީބުގެ މައްޗަށް ކުރާ ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާއާ ގުޅިގެން އަންގާރަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަދީބު ވަނީ ކުށަށް އިއުތިރާފުވެފަ އެވެ.

ޝަރީއަތުގައި އަދީބު ވިދާޅުވީ އޭނާ ފިލަން މަސައްކަތް ކުރީ ފުރާނައަށް ނުރައްކާވާ ކަމުގެ އިންޒާރުތައް ލިބެމުންދާތީ ބޭރުގެ ހިޔާމަތް ހޯދަން ކަމަށެވެ. އަދި އެ ކުށަށް އިއުތިރާފްވާ ކަމަށާއި އިއުތިރާފްވި ބަޔާނެއް ފުލުހުންނަށް ދީފައިވާ ކަމަށް އަދީބު ވިދާޅުވި އެވެ. އަދި އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށާއި އެކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

އަދީބު ކުށަށް އިއުތިރާފްވެފައިވާތީ މައްސަލަ ބެލި ގާޒީ އެދުވަހު ނިންމެވީ ފަސް ދުވަސް ތެރޭގައި އަވަސް ނިޔާގެ ޝަރީއަތް ބާއްވާ އަދީބަށް ހުކުމް ކުރުމަށެވެ. އެހެންކަމުން މިއަދު ބާއްވާ އަޑުއެހުމަކީ ހުކުމްކުރުމަށް ބާއްވާ އަޑުއެހުމެކެވެ. އަދީބުގެ ޝަރީއަތް މިއަދު އޮތީ 14:00 ގަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކުށަށް އިއުތިރާފްވުމުން އަދީބަށް އަންނާނީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

އަދީބު ފިލި މައްސަލައިގެ ޝަރީއަތުގައި ދައުލަތުން ބުނީ އަދީބުގެ ޕާސްޕޯޓު ހިފައްޓާފައިވާ އިރު ކަނޑުމަގުން ރާއްޖެއިން ބޭރަށް ވަޑައިގަންނަަވަނިކޮށް މިދިޔަ މަހު 3 ގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އެކަމަށް ކަނޑައެޅިފައިވާ އަދަބަކީ ޖުނުހުގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށް ދައުލަތުން ފާހަގަ ކުރި އެވެ. އެއީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

މީގެ ކުރިން ގޭބަންދަށް ބަދަލުކޮށްފައި ވަނިކޮށް އަދީބު ވަނީ ރާއްޖޭން ފިލައިގެން އިންޑިއާއަށް އެތެރެވާން މަސައްކަތްކޮށްފަ އެވެ. ނަމަވެސް އިންޑިއާއަށް އެތެރެވަނިކޮށް އެ ގައުމުގެ ފުލުހުން އޭނާ ހައްޔަރު ކުރި އެވެ. އަދި ފަހުން ދިވެހި ފުލުހުންނާ އޭނާ ހަވާލުކޮށް، ދިވެހި ފުލުހުންގެ ބެލުމުގެ ދަށުން އޭނާ އަނބުރާ ރާއްޖެ ގެނަ އެވެ. މިވަގުތު ހުރީ ޓެގް އެޅުވުމަށްފަހު ގޭ ބަންދުގައެވެ.