ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިލައިގެން އިންޑިޔާއަށް ވަޑައިގެންނެވި މައްސަލާގައި އޭނާގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ފެށުމަށް ކްރިމިނަލް ކޯޓުން މިއަދު ތާވަލްކޮށްފި އެވެ.
ފިލަން އުޅެނިކޮށް އަދީބު އަތުލައިގެންފައި ވަނީ "ވާގޯ 9" ނަމަކަށް ކިޔާ ޓަގު ބޯޓެއްގެ ފަޅުވެރިއަކަށް ހެދިގެން އިންޑިޔާގެ ޓުޓިކޮރިންއަށް އެތެރެވާން އުޅެނިކޮށް މިދިޔަ މަހުގެ އެއްވަނަ ދުވަހު އެވެ.
އެ މައްސަލައިގައި އަދީބަށް ކޮށްފައިވަނީ، ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުގެ ތާވަލްވާ ގޮތުން އެ ދައުވާގެ ފުރަތަމަ އަޑުއެހުން އޮތީ މިއަދު ހެނދުނު 11:30 ގައެވެ.
އަދީބު އިންޑިއާއަށް ގޮސްފައި ވަނީ އޭނާގެ މައްޗަށް މީގެ ކުރިން ކުރި ޖަލު ހުކުމްތައް ކޯޓުތަކުން ބާތިލްކޮށް އޭނާ މިނިވަންވެފައި ވަނިކޮށެވެ.
އޭގެ ފަހުން އަދީބު ވަނީ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފަ އެވެ.
ސުޕްރީމް ކޯޓުން މިގޮތަށް އަމުރު ނެރެނީ އެކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އެ ކޯޓުގައި އެދިފައިވާތީ އެވެ. އެއީ މާބިންހުރާ ހިޔާނާތުގެ މައްސަލައިގެ އިސްތިއުނާފު ޝަރީއަތުގަ އެވެ. އަދީބު ބަންދު ކުރުމަށް އެދުނީ އޭނާ ފިލައިދާނެ ކަމުގެ އިހުތިމާލު އޮތީމަ އެވެ.
އިންޑިއާއަށް އެތެރެވިޔަނުދީ އެ ގައުމުގެ ސަރުކާރުން އަދީބު ފިލައިގެން ދިޔަ ޓަގު ބޯޓުގައި ހިފެހެއްޓުމުން، އޭނާއަށް ބިރު ދައްކައިގެން ކުރީގެ ސަރުކާރުގެ އިސް ވެރިންނާ ދެކޮޅަށް ދޮގު ހެކިބަސް ދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެ ބޭރުގެ ލޯ ފާމެއް މެދުވެރިކޮށް އަދީބު އިންޑިއާގެ ހިމާޔަތަށް އެދިވަޑައިގެންނެވި އެވެ. ނަމަވެސް، އެކަމަށް ވަކި އެއްޗެއް ނުބުނެ އިންޑިއާ ސަރުކާރުން ވަނީ ކަނޑުމަތިން އަދީބު ދިވެހި ފުލުހުންނާ ހަވާލުކޮށްފަ އެވެ.
ޝަރީއަތް ނިމެންދެން އަދީބު ބަންދުކޮށްފައިވާއިރު، އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މަނީ ލޯންޑަރިންގް ޝަރީއަތުގައި އެމަނިކުފާނާ ދެކޮޅަށް ހެކިބަސް ދެއްވައިފަ އެވެ.
އޭގެ ފަހުން މޮނިޓާ ކުރެވޭނެ ގޮތަށް ޓެގް އެޅުއްވުމަށް ފަހު އަދީބު ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.