ރާޅު ގުޑި އިވެންޓް

ރާޅުގުޑިއާއެކު ފުނަދޫ ޒުވާނެއްގެ ހުވަފެން ހަގީގަތަކަށް!

ށ. ފުނަދޫން: ނާޒިމް ހަސަން
Jun 28, 2019

"އިޓްސް މައި ޑްރީމް ކޭމް ޓްރޫ،"

ދެ ދުވަހު ނ. ޅޮހީގައި ތިބުމަށްފަހު މިއަދު ހަވީރު "ރާޅުގުޑީ" ގެ އެތުލީޓުން އައީ ށ. ފުނަދޫއަށެވެ. އަތޮޅު ވެރިކަން ކުރާ ފުނަދޫއަށް ކައިޓް ސާފު ކުރުމަށް ނައްޓާލީ ފަޅު ރަށެއް ކަމަށްވާ ނ. އޮރިމަސްވަރުންނެވެ.

ގާތްގަނޑަކަށް ދެ ގަޑިއިރުގެ ދަތުރަކަށްފަހު ހަތަރު އެތުލީޓުން ފުނަދޫއަށް ލެފި ކުރިއިރު ރަށުގެ ގޮނޑުދޮށަށް ގިނަ އަދަދެއްގެ ރައްޔިތުން އެއްވެ ތިއްބެވެ. ކުޑަކުދިންތައް ނަލަ ހެދިގެން ތިއްބެވެ. މަރުހަބާ ކިޔަން ތިބީ ސަގާފީ ހެދުމުގައި ޒިނާތްތެރިވެގެން ތިބި ކުދިންނާއި ޒުވާން އަންހެން ކުދިންނެވެ.

އޭގެ ތެރެއިން ފާތިމަތު ރިޝްފާގެ ނަން ފާހަގަވެގެން ދިޔަ އެވެ. އެތުލީޓުން ރަށަށް އަރާ ހަމަޖެހިލައި ކުރުނބާ ބޯން ތިއްބައި ރިޝްފާ އެމީހުންގެ ގާތަށް ދިޔަ އެވެ. އެތުލީޓުންގެ ތެރޭގައި އިން ކައިޓް ސާފިންގެ ދުނިޔޭގެ ޗެމްޕިއަންކަން ދެ ފަހަރަށް ހޯދާފައިވާ ޔޫރީޒޫންއާ އޭނާ ބައްދަލުކުރި އެވެ.

އޭރު ރިޝްފާގެ އަތުގައި ޔޫރީއަށް ހާއްސަ ހަދިޔާއެއް އޮތެވެ. އެއީ އޭނާ ކުރަހާފައިވާ ރަމްޒީ ރާޅު ބޯޑެކެވެ. އެ ބޯޑަކީ އޭނާގެ ފިރިމީހާ ހަދާފައިވާ ބޯޑެކެވެ. ޔޫރީއަށް ހާއްސަ ހަދިޔާއަކަށް އެ ތައްޔާރުކޮށް ލިޔެ ކުރަހާފައި ވަނީ ރިޝްފާ މަސައްކަތުންނެވެ. އެއީ މިއަދުން މިއަދަށް އޭނާ ކުރި މަސައްކަތެކެވެ.

ހަދިޔާ ޔޫރީއަށް ދީ، ފޮޓޯ ނެގަމުންދިޔައިރު ރިޝްފާގެ މޫނު މަތިން ވަރަށް ބޮޑަށް އުފާވެރިކަން ފެންނަމުންދިޔަ އެވެ. އޭނާއަށް ބުނެވީ އެންމެ އެއްޗެކެވެ. "އިޓްސް މައި ޑްރީމް ކޭމް ޓްރޫ"

ރިޝްފާ ބުނި ގޮތުގައި އޭނާ އާއި އޭނާގެ ފިރިމީހާއަކީ ވެސް މޫދު ކުޅިވަރަށް ވަރަށް ލޯބިކުރާ ދެމީހުންނެވެ. ފިރިމީހާއަކީ ކައިޓް ސާފު ވެސް ކުރާ ޒުވާނެކެވެ. ރިސޯޓެއްގައި ވަޒީފާ އަދާކުރާ ފިރިމީހާއަށް އޭނާގެ އައިޑަލް ޔޫރީއާ ބައްދަލުކޮށްލަން އާދެވޭ ގޮތް މިއަދު ނުވީ އެވެ. ރިޝްފާގެ އަތުން ހަދާފައިވާ ހަދިޔާއަކީ އޭގެ ބަދަލެވެ.

"ބޭނުންވީ ފިރިމީހާއަށް ނާދެވުނީމަ ގިފްޓެއް ދޭން، އެހެން ޔޫރީއަށް ދިން ގިފްޓެއް އެއީ،" އުފަލުން ހުރި ރިޝްފާ ބުނެލި އެވެ. "ދެމީހުންގެ ވެސް ވަރަށް ބޮޑު ޑްރީމެއް ޔޫރީއާ ބައްދަލުކުރުމަކީ، ކުރިން ފަހަރު ޔޫރީ ރާއްޖެ އައިއިރު ވެސް ބައްދަލުކޮށްލެން ދެވޭ ގޮތެއް ނުވި،"

މޫދު ކުޅިވަރަށް ލޯބިކުރާ ރިޝްފާ، ޔޫރީއަށް ދިން ފަދަ ބޯޑްތަކަކީ އޭނާ ހުނަރުވެރިކަން ވަރަށް ބޮޑަށް ފެނިގެންދާ ކުރެހުންތަކެއް ހިމެނޭ ބޯޑްތަކެކެވެ. އެ ބޯޑްތަކުގެ ފޮޓޯތައް އޭނާ "ރިޝްޓޯ އާޓްސް"ގެ ނަމުގައި އިންސްޓަގްރާމްއަށް ލަ އެވެ. ދާދިފަހުން އޭނާ ފެށި އެ މަސައްކަތަކީ އޭނާ ވަރަށް ގަޔާވެގެން ކުރާ ކަމެކެވެ.

ރާއްޖޭގެ ދެކުނުން އުތުރަށް ކައިޓް ސާފުކުރުމަށް ފަށާފައިވާ "ރާޅުގުޑި" ހަރަކާތް ނިމުމާ ގާތްވެފައިވާއިރު މިރޭ އެތުލީޓުން މަޑު ކުރާނީ ފުނަދޫގަ އެވެ. އެއަށްފަހު މާދަމާ ހދ. އަތޮޅުގެ ވެރިރަށް ކުޅުދުއްފުއްޓަށް ދާނެ އެވެ. އޭގެ އަނެއް ދުވަހު ހއ. އަތޮޅަށް ގޮސް ދަތުރު ނިންމާލާނެ އެވެ.