ހަބަރު

އޭޑީބީ އާއި ފިޑިކް އަދި ޖައިކާގެ ވެރިންނާ ޖަނާ ބައްދަލު ކުރައްވައިފި

Jun 29, 2019
4

ދުނިޔޭގެ އެންމެ ބޮޑު އެއް ކޮންސްޓްރަކްޝަން ޖަމިއްޔާ އިފޮޕްކާގެ ރައީސްގެ ހައިސިއްޔަތުން މުހައްމަދު އަލީ ޖަނާހު، އޭޑީބީ އާއި ފިޑިކް އަދި ޖައިކާގެ އިސް ވެރިންނާ ބައްދަލު ކުރައްވައިފި އެވެ.

އަންނަ އަހަރު ރާއްޖޭގައި އޮންނަ އިފޮޕްކާގެ 45 ވަނަ ބައްދަލުވުމަށް ދައުވަތު ދެއްވުމަށްޓަކައި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަން ޕެސިފިކް ކޮންޓްރެކްޓަރސް އެސޯސިއޭޝަން (އިފޮޕްކާ ) ގެ ރައީސްގެ ޖަނާހު ފިލިޕީންސަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އޭޝިއަން ޑިވްލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އިސްވެރިންނާއެކު ބައްދަލުވުން އޮތީ އޭޑީބީގެ ހެޑް ކުއަޓާސްގަ އެވެ. މި ބައްދަލު ކުރެއްވުމުގައި އޭޑީބީގެ ޑިރެކްޓަރު ރުޝްތާމް އަބްދުކަރިމޯވްގެ އިތުރުން އެ ޖަމިއްޔާގެ އިސް ބޭފުޅުން ބައިވެރިވެރިވެ ވަޑައިގަތެވެ. މި ބައްދަލުވުމުގައި އިފޮޕްކާގެ މެންބަރު ގައުމުތަކުގެ ކޮންސްޓްރަކްޝަން ކުންފުނި ތަކަށް ދިމާވެފައިވާ މައްސަލަތަކާ މެދު މަޝްވަރާ ކުރެއްވި އެވެ.

މި ބައްދަލުވުންތަކުގައި އިފޮޕްކާގެ ޗީފް ޑެލިގޭޓްސް ދަމާސް ކުންފުނީގެ ވެރިޔާ އަބްދުﷲ ސާލިހު އާއި އަމީން ކޮންސްޓްރަކްޝަންގެ ވެރިޔާ އަބްދުﷲ މުހައްމަދު ވެސް ބައިިވެރިވެވަޑައިގަތެވެ.

ޖަނާހު މީގެ އިތުރުން ބައްދަލު ކުރައްވާފައިވަނީ އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ކޮންސެލްޓިން އިންޖިނަރިން (ފިޑިކް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑރ. ނެލްސަން އާއި އެ ޖަމިއްޔާގެ އިސްވެރިންނާ އެވެ. އަދި ފިލިޕީންސުގެ ކޮންޓްރެކްޓަރުންގެ ޖަމިއްޔާގެ ހެޑް އޮފީހަށް ޒިޔާރަތް ކުރައްވައި އެ ޖަމިއްޔާގެ އެގްޒެކެޓިވް ބޯޑްއާ ވެސް ބައްދަލު ކުރައްވާފައިވެ އެވެ.

މި ބައްދަލު ކުރެއްވުމުގައި އަންނަ އަހަރު ރާއްޖޭގައި އޮންނަ އިފޮޕްކާގެ ބައްދަލު ވުމުގައި އެ ޖަމިއްޔާގެ މަތީ ފަންތީގެ 100 ބޭފުޅުން ހިމެނޭ ބޮޑު ވަފުދެއް ބައިވެރިވެވަޑައި ގަންނަވާނެ ކަމަށް އެ ޖަމިއްޔާ އިން ޔަގީންކަން ދިނެވެ. އަދި ބައްދަލުވުމަށްފަހު އެ ޖަމިއްޔާގެ 45 ކުންފުންޏެއްގެ ސީއީއޯ އިން ބައިވެރިވި ބައްދަލުވުމެއްގައި ވާހަކަ ޖަނާ ވަނީ ދައްކަަވާފަ އެވެ. މީގެ އިތުރުން ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ އިސްވެރިންނާ ވެސް ބައްދަލު ކުރައްވާފައިވެ އެވެ.

އިފޮޕްކާ އަކީ އޭޝިޔާ އަދި ވެސްޓާން ޕެސިފިކް ގައުމުތަކުގެ ކޮންސްޓްރަކްޝަން ޖަމިއްޔާތައް ހިމެނޭ، އެންމެ ނުފޫޒު ގަދަ އެ ޖަމިއްޔާ އެވެ. ޖަނާއަކީ މިހާ ބޮޑު ޖަމިއްޔާއެއްގެ ރައީސްގެ މަގާމު އަދާ ކުރައްވާ ފުރަތަމަ ދިވެއްސެވެ. އިފޮޕްކާގެ ރައީސްގެ ހައިސިއްޔަތުން ޖަނާހު ދަނީ އެ ޖަމިއްޔާގެ 20 އަށްވުރެ ގިނަ ގައުމަށް ދަތުރު ކުރައްވަމުންނެވެ. މިދަތުރުތަކުގައި ބައެއް ގައުމުތަކުގެ އެންމެ އިސްވެރިންނާ ވެސް ބައްދަލު ކުރައްވާފައިވެ އެވެ. އިފޮޕްކާ އިން ދަނީ އަންނަ އަހަރު ރާއްޖޭގައި ބޮޑު ބައްދަލުވުމެއް ބާއްވަން ތައްޔާރު ވަމުންނެވެ. މި ބައްދަލުވުމުގައި 2،000 އެއްހާ ވިޔަފާރިވެރިން ބައިވެރިވާނެ އެވެ.