ދުނިޔެ

އެމެރިކާ-ޗައިނާ ވިޔަފާރީގެ މަޝްވަރާތައް އަނެއްކާވެސް ފަށަނީ

Jun 29, 2019

އޮސާކާ (ޖޫން 29) - ޖަޕާނުގެ އޮސާކާ ސިޓީގައި މިހާރު ކުރިއަށްދާ ޖީ20 ސަމިޓުގެ ތެރެއިން، އެމެރިކާއާއި ޗައިނާއާދެމެދު ހުއްޓިފައިވާ ވިޔަފާރީގެ މަޝްވަރާތައް އަލުން ފަށަން ދެގައުމުންވެސް އެއްބަސްވެފައިވާކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އެ ސަމިޓުގެ ތެރެއިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި އެމެރިކާއަށް އެތެރެކުރާ ޗައިނާގެ މުދަލުން އިތުރަށް ޑިޔުޓީ ބޮޑުނުކުރަން އެއްބަސްވެފައިވާކަމަށް ޗައިނާގެ މައި ނޫސް ކަމުގައި ޒިންހުއާ އިން ވަނީ ރިޕޯޓްކޮށްފަ އެވެ.

އެ ބައްދަލުވުމަށްފަހު ޓްރަމްޕް ވިދާޅުވީ ޗައިނާއާއެކު އޮންނަ ގުޅުން އަލުން ރަނގަޅު މަގަށް އައިސްފައިވާކަމަށާއި ނަމަވެސް އެ ބައްދަލުވުމުގެ ތަފްސީލްތައް ފަހުން ހާމަކުރައްވާނެ ކަމަށެވެ.

"ޗައިނާއާއެކު ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރެވުނު. ލަފާކުރެވުނު ވަރަށް ވުރެ ރަނގަޅަށް ދިއަކަމަށް އަޅުގަނޑު ދަންނަވާނީ. އެ މަޝްވަރާތައް އަދިވެސް ދަނީ ކުރިއަށް،" އެ ބައްދަލުވުމަށްފަހު ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވި އެވެ.

އެމެރިކާ އާއި ޗައިނާއިން ކުރަމުންގެންދާ ވިޔަފާރީގެ ހަނގުރާމައަށް ހައްލެއް ހޯދަން ދެ ފަރާތުން ކުރަމުންދާ މަޝްވަރާތައް ކުރިއަށްދާ ދުވެލި މާ ބޮޑަށް ލަސް ކަމަށް ބުނެ، އެމެރިކާއަށް އެތެރެކުރާ ޗައިނާގެ 200 ބިލިއަން ޑޮލަރުގެ މުދަލުން ނަގާ ޑިއުޓީ ވަނީ ބޮޑުކޮށްފަ އެވެ.

އޭގެ އިތުރުން މިދިއަ ޖުލައި މަހު ޗައިނާއިން އެތެރެކުރާ 34 ބިލިއަން ޑޮލަރުގެ މުދަލުންއެމެރިކާ އިން 25 ޕަސަންޓަށް ޓެކްސް ވަނީ ބޮޑުކޮށްފަ އެވެ. އޭގެ ފަހުން އިތުރު 16 ބިލިއަން ޑޮލަރުގެ މުދަލުން ވެސް ވަނީ ޓެކްސް ބޮޑުކޮށްފަ އެވެ.

ބަދަލުގައި ޗައިނާއިން ވެސް އެމެރިކާއިން އެގައުމަށް އެތެރެކުރާ ގިނަ އަދަދަކަށް ދަނޑުވެރިކަމަުގެ ބާވަތްތަށް ހިމެނޭ 110 ބިލިއަން ޑޮލަރުގެ މުދަލުން ޑިއުޓީ ބޮޑުކޮށްފައި ވެއެވެ. ދިރާސާ ކުރާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި ޗައިނާއިން ޑިއުޓީ އަގުބޮޑު ކުރާނެ އިތުރު މާގިނަ މުދާތަކެއް ނުހުންނާނެ އެވެ.

ބެއިޖިންގުން އެމެރިކާއާއި މެދު އަޅާނެ ވަކި ފިޔަވަޅެއް ހާމަކޮށްފައި ނުވުމުން އެކަމުން ޗައިނާއިން އެއްބަސްވުމަކާއި ހަމައަށް ދިއުމަށް އުންމީދު ކުރާކަން ހާމަވާކަމަށް ވެސް އެފަރާތްތަކުން ބުނެ އެވެ.