ހަބަރު

މެޖިސްޓްރޭޓް ރާޣިބުގެ މައްސަލަ ތަހުގީގު ކުރަން ފަށައިފި

ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހްމަދުގެ މައްސަަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ކުރަން ފަށައިފި އެވެ.

ޖޭއެސްސީން ގެންދަނީ ފަނޑިޔާރުންގެ ގިނަ ސުލޫކީ މައްސަލަތަކެއް ބަލަމުންނެވެ. އޭގެ ތެރެއިން ބައެއް ފަނޑިޔާރުން އެ ކޮމިޝަނުން ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.

ޖޭއެސްސީ އިން ސަސްޕެންޑް ކުރި ފަނޑިޔާރުންގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ހިމެނެ އެވެ. އެ ސަސްޕެންޝަނަށް އަމަލު ކުރުން ފަސް ކުރަން ސުޕްރީމް ކޯޓުން އެންގި އެވެ. ނަމަވެސް ޖޭއެސްސީން ވަނީ އެ އަމުރު ގަބޫލު ނުކޮށް ފަނޑިޔާރުގެ ސަސްޕެންޝަން ދަމަހައްޓާފަ އެވެ. ފަނޑިޔާރު ދީދީ އަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ބަލަމުން އަންނަ ސުލޫކީ މައްސަލާގައި އޭނާ ބުރާސްފަތި ދުވަހު ވަނީ ޖަވާބުދާރީވެވަޑައިގެންފަ އެވެ.

ޖޭއެސްސީން މައްސަލަ ބަލަން ނިންމި ފަނޑިޔާރުން

  • އަބްދުﷲ ދީދީ - ސުޕްރީމް ކޯޓުގެ ފަނޑިޔާރު
  • ޝުޖާއު އުސްމާން - ހައިކޯޓުގެ އިސް ފަނޑިޔާރު
  • ހަސަން ނަޖީބު - ކްރިމިނަލް ކޯޓުގެ ގާޒީ
  • ހަސަން ފަހީމް އިބްރާހީމް - ސިވިލް ކޯޓުގެ ގާޒީ
  • އަހްމަދު ޝުކޫރު - ގއ. މާމެންދޫ ކޯޓުގެ މެޖިސްޓްރޭޓް
  • މުހައްމަދު ރާޣިބު އަހްމަދު - ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް

މެޖިސްޓްރޭޓް ރާޣިބުގެ މައްސަލަ ޖޭއެސްސީއިން ތަހުގީގު ކުރަން ފަށާފައިވާއިރު ބުދަ ދުވަހު ވަނީ ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފަ އެވެ. މިއީ 2008 ވަނަ އަހަރު ތަސްދީގުކުރި ގާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުން ފަނޑިޔާރަކު ވަކިކުރަން ނިންމި ފުރަތަމަ ފަހަރެވެ.