ހަބަރު

ރައީސް ސިންގަޕޫރަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ. މިއީ ރައީސް ސޯލިހު، މަގާމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ސިންގަޕޫރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ ހާއްސަ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.


ރައީސް ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ރައީސާ، ހަލީމާ ޔައުގޫބްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސާ، ހަލީމާއި ޔައުގޫބުގެ އިތުރުން އެ ގައުމުގެ ބޮޑުވަޒީރު ލީ ޝިއެންގް ލުންއާންއާ ވެސް ބައްދަލު ކުރައްވަން ވަނީ ނިންމައިފަ އެވެ.

ދަތުރުފުޅުގައި ރައީސަށް ސިންގަޕޫރުން ރަސްމީކޮށް މަރުހަބާ ދެންނެވުން ރިޔާސީ ގަނޑުވަރުގަ އެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވާންވަނީ ހަަމަޖެހިފަ އެވެ.

ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައީސް އަންނަ އަންގާރަ ދުވަހު ރާއްޖެ ވަޑައިގަންނަވާއިރު އެގައުމުގައި ދިރިއުޅޭ ދިވެހިންނާއި ރައީސް ބައްދަލު ކުރައްވާނެ އެވެ.