ހަބަރު

ޝިދާތާ ހާޒިރުކުރި ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފި

Jun 29, 2019
13

ގެެއްލިގެން ހޯދަމުންދާ އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ ގެ މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު މިރޭ ހާޒިރުކުރި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.

ޝައިމް އަބްދުﷲ ގެެއްލިގެން ހޯދަމުންދާތާ ނުވަ ދުވަހަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އޭނާ ގެެއްލުނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ހުއްޓަ އެވެ. އެ ކަމުގައި ޖެންޑާއިންނާއި ހިޔާއިން ބަލަންވާ ވަރަށް ބެލިފައި ނެތް ކަމަށް މިނިސްޓަރު ޝިތާދާ ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

މި މައްސަލައާ ގުޅިގެން މިރޭ ބޭއްވި ކޮމިޓީ ބައްދަލުވުން ސިއްރު ކުރަން ނިންމީ އެއީ ކުޑަކުއްޖެއްގެ މައްސަލައަކަށްވާތީވެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. މީޑިއާއަށް ނުވަދެވޭ ގޮތަށް ބައްދަލުވުމެއް ސިއްރު ކުރަނީ ކޮމިޓީގައި ތިއްބަވާ މެންބަރުން ވޯޓުދީ އެ ގޮތަށް ފާސްކޮށްގެންނެވެ.

ޝައިމް ހޯދަން އިއުލާން ކުރިއިރު އެއީ ހިޔާގައި ހުރި ކުއްޖެއް ކަމަށް ހާމައެއް ނުކުރެ އެވެ. އެކަން އެނގިގެން ދިޔައީ ޝައިމް ހޯދަން އަންގައި ޖުވެނައިލް ކޯޓުން ނެރުނު އަމުރު ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ.

ޝައިމް އަކީ ހިޔާގައި ހުރި ކުއްޖެއް ކަން އެއްބަސްވެ ޖެންޑާ މިނިސްޓްރީން ރަސްމީ ބަހެއް ވެސް ބުނީ އެ ކަމާ ގުޅިގެން މިނިސްޓްރީގެ މީޑިއާ ގްރޫޕްގައި ނޫސްވެރިން އެތައް ސުވާލެއް އަމާޒު ކުރުމުންނެވެ.

މި ކަމާ ގުޅިގެން ޖެންޑާއަށް އެތައް ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝައިމްގެ މުޅި ހަޔާތުގެ ތަފުސީލީ މައުލޫމާތުތައް މިނިސްޓަރު ޝިދާތާ ހާމަކުރެއްވުމުން އިތުރު ފާޑުކިޔުންތައް އަމާޒުވި އެވެ.