ޝައިމް އަބްދުﷲ

ޝައިމްގެ މައްސަލަ: އެޗްއާރްސީއެމްގެ ރިޕޯޓް މަޖިލީހަށް

ކުޑަކުދިންގެ ހިޔާގެ ބެލުމުގެދަށުގައި ހުރި ޝައިމް އަބްދުﷲ ގެއްލުނު މައްސަލައަށް އެޗްއާރްސީއެމުން ތައްޔާރުކުރި ރިޕޯޓު މަޖިލީހަށް ހިއްސާކޮށްފި އެވެ.

އެ ކޮމިޝަނުން މިއަދު ބުނި ގޮތުގައި، ވިލިމާލޭ ކުޑަކުދިންގެ ހިޔާއިން ގެއްލިފައިވާ 14 އަހަރުގެ ފިރިހެން ކުއްޖާގެ މައްސަލައާ ގުޅިގެން އެޗްއާރްސީއެމްގެ ތަހުގީގަށް މިއަދާ ހަމައަށް ލިބިފައިހުރި މައުލޫމާތުތަކަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ "އަވަސް ރިޕޯޓް" ރައްޔިތުންގެ މަޖިލީހާ މިއަދު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ އެ ކޮމިޝަނުން ތަހުގީގު ކުރަނީ ހައްސާސީ މައްސަލަ އެއްގެ ގޮތުގައި ކަމަށެވެ.

މި މަހުގެ 18 ވަނަ ދުވަހު ހެނދުނުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުންދާ ޝައިމް ގެއްލިފައިވަނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް އެސެސްމެންޓެއް ހަދަން ގެންގޮސް ހިޔާގައި ބަހައްޓާފައި ހުއްޓަ އެވެ.

ޝައިމް ގެއްލިގެން ހޯދަން އިއުލާން ކުރި އިރު، އޭނާއަކީ ކުޑަކުދިންގެ ހިޔާގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއް ކަން ޖެންޑާ އިން ވެސް ފުލުހުން ވެސް ހާމައެއް ނުކުރެ އެވެ. އެކަން ހާމަވީ ސޯޝަލް މީޑިއާގައި ދައުރުވި ޖުވެނައިލް ކޯޓުގެ އަމުރެއްގައި ގެއްލިގެން ހޯދަމުން ދަނީ، ކުޑަކުދިންގެ ހިޔާގެ ބެލުމުގައި ހުރި ކުއްޖެއް ކަމަށް އޮތުމުންނެވެ.

ޝައިމް ހޯދަން މިހާތަނަށް، ޝައިމްގެ ދެ ފޮޓޯ އެއް އާއްމުކޮށް ފުލުހުން ވަނީ ތިން ގެއެެއް ބަލައި ފާސްކޮށްފަ އެވެ. އަދި، ސީސީޓީވީ ފުޓޭޖު ބަލައިގެން މަސައްކަތްކުރާ ކަމަށް ވެސް ބުނެފައި ވެ އެވެ.

ޝައިމްގެ މައްސަލާގައި ޖެންޑާގެ މިނިސްޓްރީ އާއި މިނިސްޓަރު ޝިދާތާ ޝަރީފަށް ވަރަށް ބޮޑަށް ވަނީ ފާޑުކިިޔުންތައް އަމާޒުވެފަ އެވެ.