ހަބަރު

އިބްތިހާލްގެ ހަނދާނީ ގުރުއާން މުބާރާތުގެ ނަތީޖާފާޅުކޮށްފި

މީގެ ތިން އަހަރު ކުރިން ވ. ރަކީދޫގައި ރަހުމް ކުޑަ ގޮތަކަށް އަނިޔާކޮށް މަރާލި ކުޑަކުއްޖާ، މުހައްމަދު އިބްތިހާލުގެ ހަނދާނުގައި ބޭއްވި ގުރުއާން މުބާރުތުގެ ނަތީޖާ ފާޅުކޮށްފި އެވެ.

އުމުރުން ތިން އަހަރުގެ އެ ފިރިހެން ކުއްޖާގެ ހަނދާނުގައި ހުޅުމާލޭ ސްކޫލް ކުދިންނަށް ހާއްސަ ގުރުއާން މުބާރާތެއް ބޭއްވީ ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީން އެ ސޮސައިޓީއަށް 10 އަހަރު ފުރުމާ ވެސް ގުޅުވައިގެނެވެ.

ގާޒީ ސްކޫލްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ގުރުއާން މުބާރާތުގައި ބައިވެރިވި ކުދިންނަށް ހަނދާނީ ލިޔުމާއި ޓްރޮފީ ދެއްވީ ހުޅުމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ނިޔާޒާއި ދުވާފަރު ދާއިރާގެ މެމްބަރު އިސްމާޢީލް އަޙްމަދު އާއި
ކެޔޮދޫ ދާއިރާގެ މެމްބަރު ޙުސައިން ޤާސިމެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ، އިބްތިހާލްގެ ހަނދާނުގައި މިފަދަ މުބާރާތެއް ބޭއްވުމުން ކުޑަކުދިންނަށް ކުރާ އަނިޔާތަކުގައި ދައުލަތުގެ އިދާރަތަކާއި މުޖްތަމައުން މިފަދަ ކަންކަމަށް ދޭން ޖެހޭ ސަމާލުކަން އިތުރުވެގެންދާ ކަމަށެވެ.

މިދިޔަ މަހުގެ 27 އިން 29 އަށް ކުރިއަށް ދިޔަ މި މުބާރާތުގައި 300 އަށް ވުރެ ގިނަ ކުދިން ވަނީ ބައިވެރިވެފަ އެވެ. މި މުބާރާތް ބަހާލާފައިވާ ތިން އުމުރުފުރާއަކީ ހަ އަހަރާއި އަށް އަހަރާ ދެމެދާއި އަށް އަހަރާއި 10 އަހަރާ ދެމެދު އަދި 10 އަހަރާއި 15 އަހަރާ ދެމެދެވެ.