ރާޅު ގުޑި އިވެންޓް

ރާޅުގުޑީގެ ދަތުރު: އެންމެންގެ އެހީތެރިޔާ!

ހއ. ކެލާއިން: ނާޒިމް ހަސަން
Jul 1, 2019
1

ރާއްޖޭގެ ދެކުނުން އުތުރަށް ކައިޓް ސާފުކުރަން ފަށާފައިވާ ދަތުރުގެ ހަތަރު އެތުލީޓުންގެ ވާހަކަ ކޮންމެ ދުވަހަކު ވެސް ލިބެ އެވެ. އެ އެތުލީޓުންގެ ކައިޓް ދުއްވާ ދާ ރަށްރަށާއި އެކަމަށް ކުރާ މަސައްކަތާއި ހިތްވަރުގެ އަޕްޑޭޓް ލިބެ އެވެ. އެކަމަކު އޭގައި އެތުލީޓުންނެކޭ އެއް ވަރަށް ހިއްސާވާ އެހެން ފަރާތެއް ވެސް އެބަ ހުއްޓެވެ. އެތުލީޓުންގެ އެހީތެރިޔާ އެވެ. އެތުލީޓުންގެ "ރެސްކިއު މޭން" އެވެ.

އެއީ މާފުއްޓަށް އުފަން 21 އަހަރުގެ ހުސެއިން މައުސޫމެވެ. ދިރިއުޅުން މޫދުގައި ހޭދަވާ ހުސެއިންގެ ރޯލް މި ތާރީހީ ދަތުރުގައި އެންމެ މުހިންމުވެފައި އެންމެ ބޮޑު ވަނީ އެންމެ ސަބަބަކާ ހުރެއެއް ނޫނެވެ.

ހަތަރު އެތުލީޓުންނަށް ވެސް ކައިޓް ތައްޔާރުކޮށްދެނީ ހުސެއިންނެވެ. ކައިޓް ވަޔަށް އެރުވުމުގައި އެހީ ވަނީ ހުސެއިންނެވެ. ކަނޑަށް ކައިޓް ވެއްޓި، އެތުލީޓަށް އެ ކައިޓް ނުނެގިއްޖެނަމަ، ބިޔަ ކަނޑުގެ ތެރެއަށް ފުންމާލަނީ ވެސް ހުސެއިންނެވެ. އެތުލީޓުންގެ އެންމެ ގާތުގައި އެންމެ ގާތުން އެހީވާން އަބަދުވެސް ހުންނަނީ ހުސެއިންނެވެ.

ހުސެއިނަކީ އޮޅުވެލި ރިސޯޓްގައި ވޯޓާ ސްޕޯޓްސް އިންސްޓްރަކްޓަރެއްގެ ވަޒީފާ އަދާކުރަމުންދާ ޒިންމާދާރު ޒުވާނެކެވެ. އެ ވަޒީފާގައި އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެ މަސައްކަތުގައި އޭނާ އުޅެނީ މޫދު ކުޅިވަރަށް އޮންނަ ލޯތްބެއްގެ ބޮޑު ކަމުންނެވެ.

މޫދު ކުޅިވަރުގެ ތެރެއިން ކައިޓް ސާފިންނަކީ ހުސެއިން ވެސް އެންމެ ގަޔާވާ އެއް ކަމެވެ. ކައިޓް ސާފިން ހުސެއިން ދަސްކޮށްފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ. އެކަން އޭނާއަށް ދަސްވީ ދެކުނުން އުތުރަށް ކައިޓް ސާފުކުރުމުގައި ހަރަކާތްތެރިވާ އެއް އެތުލީޓް ކަމަށްވާ ސިންބެގެ ކައިރިންނެވެ. ސިންބެގެ އިރުޝާދުގެ ދަށުން އޭނާއަކީ މިހާރު އެކަމަށް ކުޅަދާނަ ޒުވާނެކެވެ.

މީގެކުރިން ބޭއްވި "ރާޅުގުޑި" އިވެންޓްތަކުގައި ވެސް ހުސެއިންގެ ބައިވެރިވުން އޮވެ އެވެ. އޭނާގެ އެ ޝައުގުވެރިކަމާއި ހުނަރަށް ބަލައި، މިހާ ބޮޑު މުހިންމު ދަތުރެއްގައި ރެސްކިއު ޓީމުން ހުސެއިނަށް ފުރުސަތު ދިނީ ދަތުރުގެ އެތުލީޓުންނެވެ. މި ދަތުރުގައި އެތުލީޓެއްގެ ގޮތުގައި ބައިވެރިނުވިޔަސް އޭނާ ހިތްހަމަޖެހިފައި ހުންނަނީ ދަތުރުގެ އެންމެ މުހިންމު މަސައްކަތް އޭނާއާ ހަވާލުވެފައި އޮތުމުންނެވެ.

"ބައެއް ފަހަރަށް ދެރަވޭ ވަރަށް ދުއްވާލަން ބޭނުންވާ ތަންތަނުގައި ދުއްވަން ފުރުސަތު ނުލިބި ލޯންޗުގައި އިންނަން ޖެހޭތީ، އެކަމަކު ހުސްވަގުތުތަކާއި އެހެން ފުރުސަތުތަކުގައި ކައިޓް ސާފުކޮށްލެވޭތީ ވަރަށް އުފާވޭ، އެންމެ ބޭނުންވީ މާފުއްޓާއި މާލެއާ ދެމެދު ކައިޓް ސާފުކުރަން، އެކަން ވެސް ކުރެވުނު،" ހުސެއިން ބުންޏެވެ.

ހަތަރު އެތުލީޓުންނާއެކު މާފުށިން މާލެއަށް ދިޔުމަށް ގިނަ ކައިޓް ސާފަރުންތަކެއް ބައިވެރިވިއިރު، ހުސެއިން ވެސް އެ ދަތުރުގައި ބައިވެރިވި އެވެ. އެ ދުވަހު އޭނާ ހުރީ އެހީތެރިއެއްގެ ބަދަލުގައި ކައިޓް ދުއްވާށެވެ. ދެން ވެސް ލިބޭ ހުސްވަގުތެއްގައި ކައިޓް ދުއްވާލަން ފުރުސަތެއް ލިބިއްޖެޔާ ދަތުރުގެ ތެރެއިން ވެސް ހުސެއިނަށް ކައިޓަށް އަރާލަ އެވެ.

މޫދު ކުޅިވަރުގައި ރާއްޖޭގެ އެންމެ އުހަށް ދިޔުމުގެ އަމާޒުގައި ހުރި ހުސެއިން ބުނި ގޮތުގައި މި ދަތުރަކީ އޭނާއަށް ވަރަށް ބޮޑު ތަޖުރިބާއެކެވެ. އެތައް ކަމެއް ދަސްވި، ހަނދާނުން ނުފިލާނެ ދުވަސްތަކެކެވެ. މިފަދަ ކަމެއް އިންތިޒާމްކޮށް ކުރިއަށް ގެންގޮސް ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި ހުސެއިން ދެކެ އެވެ.

ކަނޑުމަތީގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހޭ މި ދަތުރު ކާމިޔާބުކަމާއެކު ކުރިއަށް ދަނީ ހުސެއިންމެން ފަދަ ޒުވާނުންގެ މިންނެތް މަސައްކަތުންނެވެ. ހުސެއިން ނެތްނަމަ މި ދަތުރު މިހާ އޮމާނެއް ނުވާނެ އެވެ.