ދިރާގު

ދިރާގުން ގިގަބިޓް ސްޕީޑް އިންޓަނެޓުގެ ހިދުމަތް ތައާރަފުކޮށްފި

އަލަށް ރާއްޖެއަށް ގިގަބިޓް ސްޕީޑް އިންޓަނެޓުގެ ހިދުމަތް މުއާސަލާތީ ކުންފުނި ދިރާގުން ތައާރަފު ކޮށްފި އެވެ. މިއީ ދިރާގުން މިހާރު ފޯރުކޮށްދޭ 100 އެމްބީޕީއެސް އަށްވުރެ 10 ގުނަ ސްޕީޑް ހަލުއިވާނެ ހިދުމަތެކެވެ.

ހިދުމަތް ތައާރަފު ކުރުމުގެ ރަސްމިއްޔާތުގައި ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ، ދިރާގުން މަސައްކަތް ކުރަނީ އަގު ތަފާތު ކުރުމެއްނެތި މުޅި ރާއްޖެއަށް ހައި ސުޕީޑް އިންޓަނެޓް ފޯރު ކޮށްދޭށެވެ. އަދި، ރާއްޖޭގައި މިހާރު ފޯރުކޮށްދޭ އެންމެ ހައި ސްޕީޑް، 100 އެމްބީޕީއެސް އަށްވުރެ 10 ގުނަ ހައި ސްޕީޑްގެ ހިދުމަތެއް އަލަށް ރާއްޖޭގައި ތަައާރަފުކޮށް ދިރާގަށް އެ ޝަރަފު ލިބުމަކީ އުފާވެރިކަމެއް ކަމަށެވެ.

މިއީ ދިރާގުގެ ޑިޖިޓަލް ރާއްޖެ ޕްރޮގްރާމްގެ ދަށުން ހިންގާ ބޮޑު ޕްރޮޖެކްޓެއް ކަން ފާހަގަ ކުރައްވާ ސީއީއޯ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި މި ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

މި އަހަރު އޭޕްރީލް މަހު ވަނީ ރާއްޖޭގެ އާބާދީގެ 75 ޕަސެންޓަށް ފައިބާ ނެޓްވޯކްގެ ހިދުމަތް ދީފަ އެވެ.

"ވަރަށް ތަރައްގީ ވެފައިވާ ގައުމުތަކުގައި ވެސް ވަރަށް ފަހުން ތައާރަފު ކުރެވިފައިވާ ހިދުމަތެއް މިއީ. މިދިއަ އަހަރު ނިމުނު އިރު 50 ގައުމަކަށް ގިގަ ސްޕީޑް އިންޓަނެޓުގެ ހިދުމަތް ތައާރަފު ކުރެވިފައި ވަނީ. އެހެންވީމަ، ރާއްޖެއަށް މިފަދަ ޒަމާނީ ހިދުމަތެއް ފުރަތަމަ ތައާރަފު ކުރާ ކުންފުންޏަކަށް ދިރާގު ވުމަކީ ދިރާގަށް ލިބޭ އުފަލެއް،" ސީއީއޯ ވިދާޅުވި އެވެ.

ހައި ސްޕީޑް އިންޓަނެޓުގައި ދިރާގުން މި ހިދުމަތް ފަށާފައި ވަނީ މާލެ ސިޓީގެ ރަށްތަކުގެ އިތުރުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ، ލ. ގަމާއި ލ. ފޮނަދޫ އާއި ހދ. ކުޅުދުއްފުއްޓާއި ބ. އޭދަފުށީގަ އެވެ.

މިއަދު އޮތް ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ވާހަކަފުޅުޅު ދައްކަވަމުން، ކޮމިއުނިކޭޝަންސް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ، ހައި ސްޕީޑުގެ އިންޓަނެޓްގެ ހިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދޭން ދަތިތަކަކާ ކުރިމަތިވި ކަމުގައި ވިޔަސް، "ޑިޖިޓަލް ރާއްޖެ" ޕްރޮގްރާމްގެ ދަށުން ރައްޔިތުންނަށް ފަސޭހަ ވާނެހެން އަވަސް އިންޓަނެޓުގެ ހިދުމަތް ކުރިމަގުގައި ފޯރުކޮށްދިނުމަކީ އަމާޒެއް ކަމަށެވެ.

"ރާއްޖޭގެ ހުރިހާ އެންމެން ސަރުކާރުން ހިދުމަތް ހޯދުމަށް މާލެ އަންނަ އައުން ނިމުމަކަށް ގެނައުމަކީ ޑިޖިޓަލް ރާއްޖޭގެ ތެރެއިން ވާސިލްވެވޭނެ އަމާޒެއް. ސަރުކާރުގެ ވިސްނުމަކީ، ސަރުކާރުގެ މިނިސްޓްރީތަކަށް އަންނަ ޖެނެރަލް އިންކްއަރީސްތައް އެއް ހެލްޕް ޑެސްކަކުން ގާއިމް ކުރުން. އެއަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ފޯރުކޮށް ދޭނީ ދިރާގު ފަދަ ކުންފުނި ތަކުން. އަދި، އެ ފޯރުކޮށް ދިނުމުގައި ހަލުއި މިނުގައި އިންޓަނެޓް ލިބޭ ކަމުގައި ވާނަމަ ފަސޭހަވާނެ،" ޓެކްނޮލޮޖީ މިނިސްޓަރު ވިދާޅުވި އެވެ.

ދިރާގުން އަލަށް ތައާރަފު ކުރި ގިގަބިޓް ސްޕީޑް އިންޓަނެޓުގެ ހިދުމަތް ހޯދަން އެކަމަށް ހާއްސަކޮށްފައިވާ ޑިވައިސް އާއި ރައުޓާއެއް ބޭނުންވާނެ އެވެ. އެ ރައުޓަރު ހިދުމަތާއެކު ހިލޭ ދޫކުރާނެ އެވެ. އަދި، ފިލްމު ޑައުންލޯޑު ކުރުމާއި ލައިވް ކޮންފަރެންސް ތަކަށް ވެސް މި ހިދުމަތުގެ ސަބަބުން ފަސޭހަ ވާނެ އެވެ.