ފޮރިން މިނިސްޓްރީ

ރާއްޖެއަށް ދޭ އެހީ އިތުރު ކުރާނަން: އޮސްޓްރޭލިއާ

އޮސްޓްރޭލިއާއިން ރާއްޖެއަށް ދެމުން އަންނަ އެހީ މިހާރަށްވުރެ ބޮޑަށް އިތުރު ކުރާނެ ކަމަށް އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޑޭވިޑް ހޮލީ ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި އޮސްޓްރޭލިއާ އާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 45 އަހަރު ފުރުމާއި ގުޅިގެން، މިއަދު ފޮރިން މިނިސްޓްރީގައި، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޮލީ ވިދާޅުވީ، ތަރައްގީގެ ކަންކަމުގައި ރާއްޖެ އާއި އޮސްޓްރޭލިއާ ގެންގުޅެނީ އެއް ވިސްނުމެއް ކަމަށެވެ. ދެ ގައުމު ގުޅިގެން ތަރައްގީގެ މަޝްރޫއުތައް ހިންގަން ފަސޭހަވެ، މިހާރު ރާއްޖެއަށް ދެމުންގެންދާ އެހީތަށް އިތުރުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ހޮލީ އިތުރަށް ވިދާޅުވީ، އޮސްޓްރޭލިއާއަކީ ރާއްޖޭގެ ވިޔަފާރީގެ ބައިވެރިއަކަށް ވުމުން، ދެ ގައުމުގެ ޓްރޭޑް ކަންތައް އިތުރަށް ފަސޭހަ ކުރަން ވެސް މަޝްވަރާ ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ދިވެހި ގިނަ ދަރިވަރުން ތައުލީމު ހާސިލު ކުރަން އޮސްޓްރޭލިއާ އިހްތިޔާރު ކުރާ ކަމަށާއި އެހެން ކަމުން ކުރިއެކޭ އެއްގޮތަކަށް ރާއްޖެއަށް ދެމުން އައި ސްކޯލާޝިޕްތަކުގެ ފުރުސަތުތަށް މިހާރުވެސް ލިބޭނެ ކަމަށެވެ.

އޮސްޓްރޭލިއާ އާއި ރާއްޖެ ވެސް އޮންނަނީ އިންޑިއާގެ ކަނޑުގައިކަން ފާހަގަކުރައްވައި، ޑޭވިޑް ހޮލީ ވިދާޅުވީ، ދެ ގައުމުގެ ސަލާމަތަށް ވެސް އިންޑިއާގެ ކަނޑުގެ ހަމަޖެހުން މުހިންމު ކަމަށެވެ.