ނޮވެމްބަރު ތިނެއްގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެންނަން ފުލުހުން ކުރަމުންދާ މަސައްކަތް ސާފު ކޮށްދޭން ޖެހޭ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެޕްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ޖެނުއަރީ 16، 2010 ގައި ލުތުފީ ބޭސް ފަރުވާއަށް ފޮނުވުމުން އޭނާ އެނބުރި ރާއްޖެ އައިސްފައެއް ނުވެ އެވެ. ނަމަވެސް މިދިޔަ މެއި މަހުގެ ފުރަތަމަ ދުވަހު އޭނާ އަމިއްލައަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ހާޒިރުވި އެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް އޭނާ އުޅެމުން އަންނަނީ ދިވެހި އެމްބަސީގަ އެވެ.
ހަސަން ލަތީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލުތުފީ ރާއްޖެ ގެންނަން ފުލުހުން ކުރާ މަސައްކަތެއް އޮތިއްޔާ އެ ކަމެއް ރައްޔިތުންނަށް ސާފުކޮށް ކިޔައިދޭންޖެހޭނެ ކަމަށެވެ. ކަންކަން ވަންހަނާ ކުރުމަކީ އޯގާތެރި ސަރުކާރުގެ ސިފައެއް ނޫން ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ލުތުފީ ރާއްޖެ ގެންނާނެ ކަމަށް ފުލުހުން ބުނި ނަމަވެސް، ސްރީލަންކާގެ ކަމާބެހޭ އިދާރާތަކުން ފުރިހަމަ ކުރަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރެވިފައި ނުވާތީ އޭނާ ނުގެނެވޭ ކަމަށް ފަހުން ފުލުހުން ވަނީ ބުނެފަ އެވެ.
ލުތުފީ އެމްބަސީގައި ބަހައްޓާފައި ހުރީ ލަންކާ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެންކަމަށް ދިވެހި ސަރުކާރުން ބުނި ނަމަވެސް، އެކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް އެ ގައުމުގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
މިދިޔަ މެއި މަހުން ފެށިގެން ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ހުރިއިރު އޭނާ އެމްބަސީގައި ހުރިކަން ސަރުކާރުން ހާމަކުރީ މިދިޔަ ހޯމަ ދުވަހުގަ އެވެ. އަދި އެ ކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ބަޔާނެއް ނެރުނީ ބުދަ ދުވަހު އެވެ. ލުތުފީ އެމްބަސީގައި ހުރިކަން ސަރުކާރުން ހާމަކުރީ ވެސް ސޯޝަލް މީޑިއާގައި އެފަދަ އަޑުތަކެއް ފެތުރިފައިވަނިކޮށެވެ. އެ ކަމާ ގުޅިގެން ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުންތައް ވެސް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.