ހަބަރު

ބެއިޖިން އާ އެއާޕޯޓާއެކު ރާއްޖެއަށް ޑިރެކްޓް ފްލައިޓްތައް އިތުރުވާނެ: ސަފީރު

Jun 30, 2019

ޗައިނާގެ ވެރިރަށް ބެއިޖިންގްގައި ގާއިމުކުރި އާ އެއާޕޯޓާއެކު ރާއްޖެއަށް ދަތުރުކުރާ ޑައިރެކްޓް ފްލައިޓްތައް އިތުރުވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވިދާޅުވެއްޖެ އެވެ.

މީގެ ފަސް އަހަރު ކުރިން މަސައްކަތް ފެށި ބެއިޖިންގް ޑެކްސިންގް އިންޓަނޭޝަނަލް އެއާޕޯޓް މަޝްރޫއު ނިންމާފައި ވަނީ މިއަދު އެވެ. އެއާޕޯޓްގެ އޮޕަރޭޝަންތައް ފެށުމުގެ ގޮތުން، މިހާރު ޓެސްޓް ފްލައިޓްތައް ވެސް ދަނީ ޖައްސަމުންނެވެ.

ޗައިނާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވީ ޑެކްސިންގް އެއާޕޯޓުގެ ހިދުމަތް ފެށުމާއެކު، ރާއްޖެއާ ދެމެދު ދަތުރުކުރާ ޑިރެކްޓް ފްލައިޓުތައް އިތުރުވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ޗައިނާގެ އާ މައި ގޭޓުގެ ގޮތުގައި ސިފަކޮށްފައިވާ މި އެއާޕޯޓަކީ ޒަމާނީ ވަސީލަތްތަކާއި ވަރަށް ފުރިހަމައަށް ޑިޒައިންކޮށްފައިވާ އެއާޕޯޓެކެވެ. އެގޮތުން، ބޮޑެތި އެއާޕޯޓްތަކުގައި ފަސަންޖަރުންނަށް އާންމުކޮށް ދިމާވާ ދަތިތައް ހައްލު ކޮށްދިނުމަށްޓަކައި، ކޮންމެ ބޯޑިންގް ގޭޓަކާ ހަމައަށް ގިނަވެގެން އަށް މިނެޓުގެ ތެރޭގައި ދެވޭ ގޮތަށް މި އެއާޕޯޓްވަނީ ޑިޒައިންކޮށްފަ އެވެ. އެއާޕޯޓްގެ އަޑިން ރޭލަށް ދަތުރު ކުރެވޭ ގޮތަށް ޓާމިނަލްތައް އަޅާފައިވާއިރު، ބިން ހެލުންތަކުން ރައްކާތެރި ކުރެވޭ ގޮތަށް ވެސް ވަނީ ޒަމާނީ ފިޔަވަޅުތައް އަޅައިފަ އެވެ.

އޭގެ އިތުރުން، ފަސަންޖަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށްޓަކައި އެއާޕޯޓު ތެރޭގައި 10،000 ފޫޓުގެ ބޮޑުމިނުގެ ފަސް ބަގީޗާއެއް ވެސް ވަނީ ތަރައްގީކޮށްފަ އެވެ.

މިހާރު ބެއިޖިންގް ގައި ހުންނަ އެއާޕޯޓަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ތަރައްގީ ކުރި ޑެކްސިންގް އެއާޕޯޓުގައި 2021 އާ ހަމައަށް 45 މިލިއަން ފަސަންޖަރުންނަށް ހިދުމަތްދޭނެކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި 2025 ވަނަ އަހަރުން ފެށިގެން އެ އަދަދު 72 މިލިއަނަށް އިތުރުވާނެކަމަށް ވެސް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.

ރާއްޖެއަށް އަންނަ ޗައިނާ ޓޫރިސްޓުންގެ އަދަދު ދަށްވަމުން ދިއުމަށްފަހު، މިހާރު ވަނީ އެ މާކެޓް ބޮޑު ތަނުން ކުރިއަރަން ފަށައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިދިޔަ މަހު އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ޗައިނާ އިން 21,010 މީހުން އައެވެ. މިއަދަދަކީ އޭގެ ކުރީ އަހަރު އައިސްފައިވާ 16,927 މީހުންނާ އަޅާ ބަލާއިރު 24.1 ޕަސެންޓުގެ އިތުރުވުމެކެވެ.

ޗައިނާއިން މި އަހަރުގެ ޖެނުއަރީން މެއި މަހުގެ ނިޔަލަށް 116,282 މީހުން ރާއްޖެ އައިސްފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 104,559 މީހުންނާ އަޅާ ބަލާއިރު 15.5 ޕަސެންޓުގެ އިތުރު ވުމެކެވެ. މިއާއެކު ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން މީހުން އަންނަ އެއް ގައުމުގެ ގޮތުގައި އޮތް އޮތުން މިވަނީ ދަމަހައްޓާފަ އެވެ.