ހަބަރު

ގެމަނަފުށީ މީހަކު 30 ކިލޯގެ ރަތް މަހެއް ބާނައިފި

ގއ. ގެމަނަފުށި މީހަކު އެ ރަށާއި ކައިރިން 30 ކިލޯގެ ރަތް މަހެއް ބާނައިފި އެވެ.

އެ މަސް ބާނާފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. އެ ރަތް މަހާއި އެ މަސް ބޭނި މީހާގެ ފޮޓޯއެއް ދިވެހި މަސްވެރިން ޓްވިޓާ އެކައުންޓުން ވަނީ ޕޯސްޓް ކޮށްފަ އެވެ. އެ މަސްބާނާފައިވަނީ ގެމަނަފުށީ އަހުމަދު މަނިކު (އަމޯ) އެވެ.

އަމޯ މިއަދ "އަވަސް" އަށް ކިޔައިދިން ގޮތުގައި، ރަތް މަސް ބާނަން ރާވައި އެރަށު ޑިންގީ އެއްގައި މަސް ބާނަން ނުކުތީ އެދުވަހު ހަވީރު ކަމަށެވެ. އޭނާގެ އިތުރުން ހަތަރު މީހުންނާއެކު މަސް ބާނަން މަޑުކުރީ އެރަށާ ގާތްގަނޑަކަށް 500 ފޫޓް ބޭރުގައި ކަމަށެވެ. މަޑުކޮށްފައި އިރުކޮޅެއް ނުވެ އެ މަސް ގަނެފައިވާ ކަމަށެވެ.

"މަސް ބާނަން ގޮސް ޖެއްސިތާ ގިނަ އިރުތަކެއްނުވެ އެ ބޮޑު ރަތް މަސް ގަނެފި، ވަގުތުން އައީ ރަށަށް، އެއީ ގާތްގަނޑަކަށް 6:15 ހާއިރު، އައިސް އެ މަސް ވަގުތުން ކިރިއިރު 30 ކިލޯ ހުރި،" އަމޯ ބުންޏެވެ.

އަމޯ ބުނީ، މީގެ ކުރިން އެރަށް ކައިރިން އެ ވަރުގެ ބޮޑު މަހެއް ބާނާފައި ނުވާ ކަމަށެވެ. އަދި އެރަށު ދުވަސްވީ މީހުންވެސް ވަނީ އެވަރުގެ ބޮޑު މަހެއް ބާނާފައިނުވާ ކަމަށް ބުނެފަ އެވެ.

"އާންމުކޮށް މި ސަރަހައްދުން ބާނާ އުޅެނީ އަށެއް ނޫނީ 10 ކިލޯގެ ރަތް މަސް، މިރަށު މުސްކުޅިންވެސް ބުނަނީ އެވަރުގެ މަހެއް މީގެ ކުރިން ބާނާފައިނުވާ ކަމަށް، އެކަމަކު އެއާ ގާތްކުރާ ވަރުގެ ރަތް މަސް ބާނާފައި އެބަހުރި ކަމަށް،" އަމޯ ބުންޏެވެ.

އަމޯ ބުނީ މިއީ ތަފާތު ތަޖުރިބާ އެއް ކަމަށެވެ. އަމޯ ވަނީ އެމަސް ފަސް މީހުންގެ މެދުގައި ބަހާލާފަ އެވެ.