ހަބަރު

"ސަރުކާރުގެ ބިޔަ މަޝްރޫއަކީ ދަތި ނައްތާލުން"

ބޮޑު ބިޔަ މަޝްރޫއެއް ހިންގުމަށްވުރެ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ހުރި ދަތިތައް ނައްތާލައި، ރައްޔިތުންގެ ޖީބަށް ފަސޭހައިން ފައިސާ ވަންނާނެ ކަންކަން ކޮށްދޭން އިސްކަން ދެއްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އިކޮނަމިކް މިނިސްޓްރީގެ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާ ކުރަން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ އަވަސް އަރުވާލައި އުމްރާނީ ބިޔަ މަޝްރޫއުތަކެއް ހިންގުމުގެ ބަދަލުގައި މި ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ ޖީބަށް ފަސޭހައިން ފައިސާ ވަންނާނެ ކަންކަން ކުރަން އިސްކަން ދިނުން ކަމަށެވެ.

ރައްޔިތުންނަށް މިހާރު ހުރި ދަތިތައް ނައްތާލުމަކީ މި ސަރުކާރުން ހިންގާނެ "ބިޔަ މާސިންގާ" މަޝްރޫއު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް މިހާރު ހުރި ދަތިތައް ނައްތާލައިގެން ވިޔަފާރިތައް މިނިވަން ކަމާއެކު ކުރިއަށް ގެންދެވޭނެ މާހައުލެއް ގާއިމު ކުރުމަކީ އިގްތިސޯދަށް ކުރެވޭނެ އެންމެ ރަނގަޅު ކަންތައް. އެއީ އަޅުގަނޑުމެންގެ ފަސްޓް ޕްރިއޯރިޓީ. އެއީ އަޅުގަނޑުމެންނަށް ހިންގޭނެ ބޮޑު ބިޔަ މާސިންގާ ޕްރޮޖެކްޓެއް، މިހާރު ހުރި ދަތިތައް ނައްތާލުން." ފައްޔާޒު ވިދާޅުވި އެވެ.

މި ސަރުކާރުން އުމްރާނީ ބިޔަ މަޝްރޫތައް ހިންގުން ލަސްވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިދިޔަ ސަރުކާރުގެ ވެސް ފުރަތަމަ ހަ މަ ދުވަހަށް ބަލާއިރު، މި ސަރުކާރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އިގްތިސޯދަށް ރަނގަޅު އަސަރުތަކެއް ކުރާނެ ގިނަ މަޝްރޫއުތަކެއް އިއުލާން ކުރެވިފައިވާ ކަމަށެވެ.

އެ ގޮތުން އުތުރާއި ދެކުނުގައި ތަރައްގީ ކުރާ ޓްރާންޝިޕްމަންޓް ބަނދަރުތަކުގެ މަޝްރޫއާއި އިގްތިސޯދީ ހަބެއްގެ ގޮތުގައި ބައެއް ސަރަހައްދުތައް ތަރައްގީ ކުރުމުގެ މަޝްރޫއުތައް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ނަމަވެސް މަޝްރޫއުތައް އިއުލާން ކުރުން ލަސްވަމުން ދަނީ މަޝްރޫއަތައް ހިންގުމުގެ ކުރިން ދިރާސާކޮށް ޕްލޭން ކުރުމުގެ މަސައްކަތް ކުރަން ޖެހޭތީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެ ގޮތުން ބިޔަ މަޝްރޫއުތަކެއް އިއުލާން ކުރެވޭނީ ކުރަން ޖެހޭ ދިރާސާތައްކޮށް ނިންމައިގެނެވެ.

"އަވަސްކޮށް ކަންކަން ކުރަން ހަދައިގެން އެއިން ގޯސް ނަތީޖާ ނުކުންނަ ފަހަރު ގިނައީ. ވަރަށް ބޮޑަށް ބަލައި ޕްލޭން ކޮށްގެން ރަނގަޅު ހައްލެއް ހޯދޭތޯ މި މަސައްކަތް ކުރަނީ." ފައްޔާޒު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ ބައެއް މަޝްރޫއުތައް ވެސް މަޑުޖައްސާފައިވާ ކަމަށް މިިނިސްޓަރު މިއަދު ވިދާޅުވި އެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ އެ މަޝްރޫއުތަކާއި މި ސަރުކާރުގައި ތަރައްގީގެ މައި ޕްލޭނާ ގުޅުން އޮތް މިންވަރު ބެލުމަށެވެ. އަދި ބައެއް މަޝްރޫއުތަކުގެ ތެރޭގައި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ހުރުމުން ކަމަށެވެ.