އެއް ފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް މަދު ކުރުމުގެ ގޮތުން މާލޭގެ ސްކޫލްތަކުގެ ދަރިވަރުން އިސް ނަގައި ކުރެވިދާނެ ކަންކަން ހިމަނައި ގަރާރެއްގެ ގޮތުގައި ހުށަހެޅުން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ތާވަލުކޮށްފި އެވެ.
ޣިޔާއްސުއްދީން ސްކޫލުން އިސްވެ މާލޭގެ 16 ސްކޫލެއްގެ ފަރާާތުން ދަރިވަރުންގެ މަންދޫބުންތަކެއް މިދިއަ އާދީއްތަ ދުވަހު ވަނީ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މެންބަރުންނާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ބައްދަލުވުމުގައި ދަރިވަރުންގެ ފަރާތުން ވަނީ އެއް ފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް މަދުކުރަން އިލްތިމާސެއްގެ ގޮތުގައި ބައެއް ކަންކަން މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅާފަ އެވެ. މައިގަނޑު ގޮތެއްްގައި ދަރިވަރުންގެ ހުށަހެޅުމުގައި އެދިފައި ވަނީ ޕްލާސްޓިކަށް ޓެކްސްއެއް ތައާރަފުކޮށް އެ ބޭނުން ކުރެވޭ ވަރަށް ވުރެ އަގުބޮޑުކޮށްދިނުމަށެވެ. ޕްލާސްޓިކް މަދުކުރުމުގެ ގޮތުން މަޖިލީހަށް ދެން ވެސް ކުރެވިދާނެ ކަންކަން ކުރުމަށް ދަރިވަރުންގެ ފަރާތުން ވަނީ އެދިފަ އެވެ.
ރައްޔިތުންގެ މަޖިލީހަށް ދަރިވަރުން ހުށަހެޅި ކަންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވަނީ ދަރިވަރުންގެ ހުށަހެޅުންތަކުގެ މައްޗަށް ރިޕޯޓެއް އެކުލަވާލައި ގަރާރެއްގެ ގޮތުގައި އެ ރިޕޯޓު މަޖިލީހަށް ފޮނުވުމަށެވެ. ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ ދަރިވަރުންގެ ހުށަހެޅުންތައް ގަރާރެއްގެ ގޮތުގައި ތަޅުމަށް ފޮނުވަން ފާސްކޮށްފަ އެވެ.
މަޖިލީހުގެ މާދަމާގެ ޖަލްސާގައި އެ ގަރާރު ތާވާލްކޮށްފައިވާކަމަށް އަމީންއާމް ފާތިމަތު ނިއުޝާ މިއަދު ވިދާޅުވި އެވެ. އޭގެ އިތުރުން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ވިސިލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލާއި ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ހުށަހަޅުއްވާފައިވާ ސަގާފީ ތަރިކައިގެ ބިލުގެ އިބްތިދާއީ ބަހުސްވެސް މި ހަފްތާގެ ތެރޭގައި ކުރިއަށްދާނެކަމަށް ނިއުޝާ ވިދާޅުވި އެވެ.
އޭގެ އިތުރުން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމުގެ މަސައްކަތްވެސް މި ހަފްތާގެ ތެރޭގައި ކުރެވޭނެ ކަމުގައި އަމީންއާމް ވިދާޅުވި އެވެ.