ހަބަރު

ފަނޑިޔާރުން ޖަވާބު ދާރީ ނުކުރެވޭ ސަބަބުތައް އެބަހުރި: ނަޝީދު

މިހާތަނަށް އައި އިރު ޖޭއެސްސީއަށް ފަނޑިޔާރު ޖަވާބުދާރީ ނުކުރެވި އޮތީ ތިން ސަބަބަކާހުރެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ މަނުކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި މިހާތަނަށް ޖޭއެސްސީ އެކުލަވާލެވި އަހަރުތަކެއް ފާއިތުވެގެން ދިޔަ އިރުވެސް ފަނޑިޔާރުންގެ މައްސަލަތައް ބަލާ ފިޔަވަޅު އެޅިފައިނުވަނީ ތިން ސަބަބަކާއި ހެދި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ފުރަތަމަ ސަބަބަކީ ރާއްޖޭގެ ބައެއް ފިޔަފާރި ވެރިންނެވެ. ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ބައެއް ވިޔަފާރި ވެރިންނަށް ހީވެފައި އޮތީ ރާއްޖޭގެ ކޯޓުތަކަކީ ވިޔަފާރިއަށް އެހީތެރިވެ، ފައިސާ ހޯދުމުގެ ވަސީލަތެއް ކަމަށެވެ. އެގޮތުން ކޯޓުތަކުގެ ފަނޑިޔާރުންނާއި، ބައެެއް ވިޔަފާރިވެރިންނާއި، ގާތް ގުޅުން އޮންނަ ކަމަށެވެ.

ދެވަނަ ސަބަބެއްގެ ގޮތުގައި ރައީސް ނަޝީދު ވިދާޅުވީ، ގޭންގުތަކާއި، ފަނޑިޔާރުންނާއި އޮންނަ ގުޅުމެވެ. އެގޮތުން ރާއްޖޭގައި ހަރަކާތްތެރިވާ ބައެއް ގޭންގުތަކުން އެ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފަނޑިޔާރުންނާއި، ގާތް ގުޅުމެއް ބާއްވަން ޖެހޭނެ ކަމަށް ގަބޫލުކޮށް ފަނޑިޔާރުންނާއި، އެގުޅުން ބާއްވަމުން ގެންދަވާ ކަމަށެވެ.

ތިން ވަނަ ސަބަބަކަށް ރައީސް ނަޝީދު ފާހަގަ ކުރެއްވީ ފަނޑިޔާރުންނާއި، ސިޔާސީ ލީޑަރުންނާއި، އޮންނަ ގާތް ގުޅުމެވެ. ސިޔާސީ ލީޑަރުން ސިޔާސީ ބާރު ހޯދުމަށްޓަކައި ފަނޑިޔާރުން ބޭނުން ކުރަމުންދާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ، މި ތިން ސަބަބާހުރެ، ރާއްޖޭގެ ފަނޑިޔާރުގެ އޮތީ ވަރަށް ބޮޑަށް ހަރާބުވެފައި ކަމަށެވެ. އަދި އެތަން ސާފުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ކޮމްޕޮޒިޝަން އަށް ބަދަލެއް ގެނެސްގެން ވާނެ ތޯއާއި، އެނޫން އެތައް ކަމެއް ކޮށްގެންވެސް ފަނޑިޔާރުގެ ސާފު ކުރެވޭނެތޯ ބަލަން ޖެހޭ ކަމަށާއި، އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެނޫން އެތައް ކަމެއް ކުރަންޖެހޭނެ ކަމަށެވެ.