ފަޑިޔާރުންގެ ހުރި ކަންބޮނޑުވުންތަކާއި ބެހޭގޮތުން 170 ފަޑިޔާރުން ސޮއިކުރައްވައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅި ޕެޓިޝަންގައި ހުރި މައްސަލަތަކާއި ބެހޭގޮތުން ގޮތެެއް ނިންމުމަށް ޖޭއެސްސީން އިން ފަނޑިޔާރުންގެ ޖަމިއްޔާއާއި ބައްދަލުކުރަން ނިންމައިފި އެވެ.
ޖޭއެސްސީއިން ބުނީ، ފަނޑިޔާރުން ހުށަހެޅި ކަންކަމާއި ގުޅޭގޮތުން އެކޮމިޝަންގެ ކަމާބެހޭ ކޮމިޓީން މަޝްވަރާ ކުރުމަށްފަހު، އެ މައްސަލަތަކަށް ގޮތެއް ނިންމުމުގެ ކުރިން ފަޑިޔާރުންގެ ޖަމިއްޔާ އާއި ބައްދަލުކުރަން ނިންމީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.
ފަނޑިޔާރުންތަކެއްގެ ކަނބޮޑުވުންތައް ޖޭއެސްސީއަށް ހުށަހަޅާފައިވަނީ މީގެ ހަތަރު މަސް ކުރިންނެވެ. އެ ޕެޓިޝަންގެ ކޮޕީ އެއް ވަނީ އޭރު ޖޭއެސްސީގައި ތިބި ހުރިހާ މެމްބަރުންނަށް އަރުވާފަ އެވެ.
ފަނޑިޔާރުންތަކެއް އިސް ނަގައިގެން 2008 ވަނަ އަހަރު އުފައްދާފައިވާ ފަނޑިޔާރުންގެ ޖަމިއްޔާގެ މަސައްކަތް ގިނަ ދުވަސްތަކެއް ވަންދެން އޮތީ ހުއްޓިފަ އެވެ. ނަމަވެސް ދާދި ފަހުން އަނެއްކާ ވެސް ވަނީ އެ ޖަމިއްޔާ އަށް މެމްބަރުން އިންތިހާބުކޮށް، މަސައްކަތް އަލުން ފަށައިފަ އެވެ.
ޕެޓިޝަންތަކުގެ މައްސަލަތައް ބަލަން ފެށިއިރު، ޖޭއެސްސީ އިން މިހާރު ދަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދާއި ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބުގެ އިތުރުން ބައެއް ފަނޑިޔާރުންގެ މައްސަލަތަކެއް ބަލަމުންނެވެ. އޭގެ ތެރެއިން ފަނޑިޔާރު ޑީޑީ އާއި އިސްގާޒީ ހަސަން ވަނީ މިހާރު ސަސްޕެންޑްކޮށްފަ އެވެ.