ހަބަރު

ހައްޖު ކޯޕަރޭޝަަނަށް 550 ކޯޓާ

މިއަހަރު ރާއްޖެއަށް ސައުދީ އަރަބިއްޔާ އަށް ދިން 1،000 މީހުންގެ ހައްޖު ކޯޓާގެ ތެރެއިން 550 ޖާގަ ހައްޖު ކޯޕަރޭޝަނަށް ދީފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

އެ ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސައުދީ އިން ދިން ފުރަތަމަ ކޯޓާގެ 1،000 ޖާގައިން އެ ކޯޕަރޭޝަނަށް ކަނޑައަޅާފައިވާ 550 ޖާގައިގެ ތެރެއިން 80 ޖާގަ ވަނީ އިސްލާމިކް މިނިސްޓްރީގެ ބޭނުމަށް ރިޒާވް ކުރެވިފަ އެވެ.

އެގޮތުން، ބާކީ 470 ޖާގައިން ކޯޕަރޭޝަނުން ހައްޖުގެ ކަންކަމުގައި ބޭނުންވާ އެކިއެކި އެހީތެރީންނާއި ފަންނީ މަސައްކަތްތެރީންނަން 31 ޖާގަ ނެގުމަށްފަހު، މިފަހަރު ހައްޖަށް ގެންދިޔުމަށްޓަކައި 439 ޖާގަ ދޫކޮށްފައިވާނެކަމަށް އެ ކޯޕަރޭޝަނުން އިތުރަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން، މިހާތަނަށް 514 ފަރާތަކަށް ހައްޖަށް ދާން ފުރުސަތު ލިބުނުކަން އަންގާފައިވާ އިރު އެކި ސަބަބުތަކަށް ޓަކައި މި އަހަރު ހައްޖަށް ދެވެން ނެތްކަން 75 ފަރާތަކުން އަންގާފައިވާ ކަމަށް ވެސް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

މިއަދާ ހަމައަށް 439 ފަރާތަކުން ހައްޖަށް ދިޔުމުގެ ދައުވަތު ގަބޫލުކޮށްފައިވާ ކަމަށް ވެސް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

މި އަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދިޔުމަށް ހުއްދަ ދީފައި ވަނީ ހައްޖު ކޯޕަރޭޝަންއަށާއި އަމިއްލަ ފަސް ޖަމާއަތަކަށެވެ. ކޯޕަރޭޝަަނަށް 550 ޖާގަދިން އިރު ކޮންމެ ޖަމާއަތަކަށް ދީފައި ވަނީ 90 ޖާގަ އެވެ.