އެކްސިޑެންޓް

ކޮންކްރީޓް ޕަމްޕަކުން ޖެހި މީހެއްގެ ފައި ޗިސްވެއްޖެ

ކަފު ޖަހައިގެން މާލޭ މަގެއްގެ މަތިން ގެންދިޔަ ކޮންކްރީޓް ޕަމްޕް މެޝިނެއްގެ ފުރޮޅުން އެރި މީހެއްގެ ފައި ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.

ފުލުހުން ބުނީ ރޭ 1:00 އެހާކަންހާއިރު ކޮންކްރީޓް ޕަމްޕުގެ ފުރޮޅު ދަށުވީ އިސަކަންދަރު މަގު ގައި ޕާކްކޮށްފައި ހުރި ސައިކަލްތަކެއްގެ ކައިރިން ހިގައިފައި ދިޔަ މީހެއްގެ ކަމަށެވެ. އެމީހާގެ ފައިތިލަ އޮތީ މުޅިން ހެން ޗިސްވެފައި ކަމަށް މަންޒުރުދުށް ފަރާތަކުން ވަނީ ބުނެފަ އެވެ.

އެ ހާދިސާގައި ހިނގި އިރު ކޮންކްރީޓް ޕަމްޕު ކަފުޖަހައިގެން ޕިކަޕް ދުއްވަން އިނީ ބިދޭސީ އެއް ކަމަށްވެސް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.