އެކްސިޑެންޓް

މިދިޔަ ހަފުތާގައި މާލޭގައި 50 އެކްސިޑެންޓް

ޖުލައި 20 ވަނަ ދުވަހުން ފެށިގެން ޖުލައި 26 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި ހިނގި ތަފާތު 50 އެކްސިޑެންޓެއްގައި 15 މީހުނަށް އަނިޔާވެފައިވާ ކަމަށް ހަފްތާއަކު އެއްފަހަރު ފުލުހުން އާންމުކުރާ ތަފާސްހިސާބުން ދައްކައިފި އެވެ،

ފުލުހުން މިއަދު އާންމުކުރި މިދިޔަ ހަފްތާގެ ތަފާސްހިސާބު ދައްކާގޮތުން، ގަވާއިދާ ހިލާފަށް އުޅަނދު ޕާކުކުރުމުގެ ސަބަބުން ވަނީ 256 އުޅަނދެއްގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހައިފަ އެވެ. އަދި ގަވާއިދާ ހިލާފުވުމުގެ ސަބަބުން 43 ވެހިކަލެއް ފުލުހުން ވަނީ ޓޯ ކޮށްފަ އެވެ.

ކަނޑައެޅިފައިވާ ސްޕީޑް ލިމިޓަށްވުރެ ބާރަށް ދުއްވުމުގެ ސަބަބުން 55 މީހުން ހުއްޓުވާ ވަނީ ފިޔަވަޅު އަޅާފަ އެެވެ. އަދި ޓްރެފިކް ނިޝާންތަކާ ހިލާފުވެގެން 13 މީހަކު ހުއްޓުވާފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުން ދައްކާއިރު ގަވާއިދާ ހިލާފަށް ލޭނު ބަދަލުކުރުމުގެ ސަބަބުން 17 މީހަކު ވަނީ ހުއްޓުވާފަ އެވެ.

ތަފާސްހިސާބުތަކަށް އިތުރަށް ބަލާއިރު، މިދިޔަ ހަފްތާގައި 220 އުޅަނދެއް ބަލާ ފާސްކުރި އެވެ. ލައިސަންސް ނެތި އުޅަނދު ދުއްވި 109 މީހަކަށް ވަނީ ފިޔަވަޅު އަޅައިފަ އެވެ. ފަސް ފަރާތެއްގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށްވެސް ފުލުހުންގެ ތަފާސްހިސާބުން ދައްކަ އެވެ.

އުޅަނދު ދުއްވަމުން ދުންފަތުގެ އިސްތިއުމާލު ކޮށްގެންނާއި ހެޑްސެޓް ބޭނުންކުރުމުގެ ސަބަބުން 45 މީހަކު ފުލިހުން ވަނީ ހުއްޓުވާފަ އެވެ. އަދި ގަވާއިދާ ހިލާފަށް ޓެކްސީ ކޮށްގެން ދެ މީހަކާމެދު ފުލުހުން ވަނީ ފިޔަވަޅު އަޅައިފަ އެވެ.

ފުލުހުން ބުނީ ސައިކަލް ދުއްވިއިރު ސިނގިރޭޓް ބޮއެގެން ތިން މީހަކަށް ނަސޭހަތްދިންއިރު ހެޑްސެޓް ޖަހައިގެން ނުވަތަ ފޯނު
ބޭނުންކޮށްގެން އުޅަނދު ދުއްވި 45 މީހަކާމެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ.