ހަބަރު

ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ރައްކާތެރިކަން ފޯރުކޮށްނުދޭ: އާއިލާ

މެދު ރާއްޖެތެރެ ރަށެއްގައި ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ދެ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށް ނުދޭ ކަމަށް އެ ކުދިންގެ އާއިލާގެ ފަރާތުން ބުނެފި އެވެ.

"އަވަސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ ކުދިންނަށް ވެސް ޖިންސީ ގޯނާ ކޮށްފައިވަނީ ދެ ކުދިންގެ އާއިލާގެ މީހެކެވެ. ދެ ކުދިންގެ އާއިލާއިންވެސް މި މައްސަލަ ހުށަހަޅަން ބޭނުން ނުވާ ކަމަށް ވަނީ އެނގިފައި އެވެ. ނަމަވެސް، އެތަނުން އެއް ކުއްޖެއްގެ އާއިލާގެ މެންބަރަކު ވަނީ މި މައްސަލަ ޖެންޑާ މިނިސްޓްރީއަށް މިދިއަ ބުދަ ދުވަހު ހުށަހަޅާފައި އެވެ.

ކުޑަ ދެ ކުއްޖަކާ ބެހުނު މި މައްސަލައިގައި ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ މައްސަލަ މިދިއަ ބުދަ ދުވަހު ހުށަހަޅާފައިވާ ކަމަށާއި ދެ ކުދިން ވެސް މިހާރު ތިބީ ރައްކާތެރި މާހައުލެއްގައި ކަމަށެވެ.

ނަމަވެސް، އެތަނުން އެއް ކުއްޖެއްގެ އާއިލާ މެމްބަރަކު "އަވަސް" އަށް މިއަދު ވިދާޅުވީ، މި މައްސަލަ ރިޕޯޓު ކުރިތާ ހަތަރު ދުވަސް ވީއިރުވެސް އެ ކުދިންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދީފައިނުވާ ކަމަށެވެ. އޭނާ ބުނި ގޮތުގައި މި މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ޖެންޑާ މިނިސްޓްރީ އަށް މިއަދު ގުޅުމުން ބުނީ އެ މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު އެނގޭނީ ފުލުހުންނަށް ކަމަށާއި މިނިސްޓްރީން މައުލޫމާތު ދެވެން ނެތް ކަމަށެވެ،

ކުޑަ ދެ ކުދިންނާއި ބެހޭ މައްސަލަތަކުގައި އެކި ފަހަރު މަތިން ޖެންޑާ މިނިސްޓްރީ އަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. އެގޮތުން ގެެއްލިގެން ހޯދަމުންދާ އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ އަކީ ހިޔާގައި ހުރި ކުއްޖެއް ކަން އެއްބަސްވެ ޖެންޑާ މިނިސްޓްރީން ރަސްމީ ބަހެއް ވެސް ބުނީ އެ ކަމާ ގުޅިގެން މިނިސްޓްރީގެ މީޑިއާ ގްރޫޕްގައި ނޫސްވެރިން އެތައް ސުވާލެއް އަމާޒު ކުރުމުންނެވެ.

މި ކަމާ ގުޅިގެން ޖެންޑާއަށް އެތައް ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝައިމްގެ މުޅި ހަޔާތުގެ ތަފުސީލީ މައުލޫމާތުތައް މިނިސްޓަރު ޝިދާތާ ހާމަކުރެއްވުމުން އިތުރު ފާޑުކިޔުންތައް އަމާޒުވި އެވެ.