ރިޕޯޓް

ޖޭއެސްސީން "ސިޔާސީ ކެންސަރު" ފިލީތަ؟

މިދިއަ އަހަރުތަކުގެ ތެރޭގައި އެންމެ ގިނައިން އަޑު އިވިފައިވާނެ އެއް ވާހަކައަކީ އިންސާފާއި އިސްލާހުގެ ވާހަކަ އެވެ. ދައުލަތުގެ އެކި އިދާރާތަކާއި، ދެވޭ ހިދުމަތްތަކާއި، މީހުންނާއި، އެ ނޫންވެސް އެތަކެއް ކަމެއް މި ގައުމުގައި އިސްލާހުވާން ޖެހޭ ވާހަކައެވެ. އެހުރިހާ ވާހަކައެއްގެ ތެރެއިންވެސް އެންމެ އަޑު ހަރުކޮށް އިވުނީ ޝަރުއީ ދާއިރާގެ އިސްލާހުގެ ވާހަކަ އެވެ. ޝަރުއީ ދާއިރާ އިސްލާހު ކުރަން ފުރަތަމަ ކުރަން ޖެހޭ ކަންކަމުގެ ވާހަކަތައް އައި މިންވަރު ވެސް މަދެއް ނޫނެވެ. އެންމެ ބާރު އަޑަކީ ފަނޑިޔާރުގެ އާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހު ކުރާ ވާހަކަ އެވެ.

ޖޭއެސްސީއަކީ ފަނޑިޔާރުގޭގެ ކަންކަން ބޮއްސުން ލައި ދިއުމުގެ އެންމެ ބޮޑު އެއް ސަބަބު ކަމަށް ގިނަ ބަޔަކު ބުނެ އެވެ. ސިޔާސީ ޕާޓީތަކާއި ބޭފުޅުންގެ ނުފޫޒު ޖޭއެސްސީގައި އޮތުމާއި، ފަނޑިޔާރުން، ފަނޑިޔާރުންގެ މައްސަލަތައް ބެލުމާއި، މިފަދަ އެތަކެއް ކަމަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް ބުނެ އެވެ.

ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުން ޖޭއެސްސީއަކީ ވަކި ފަރާތަކަށް ބުރަނުވާ މުސްތަގިއްލު މުއައްސަސާއެކެވެ. އެކަމަކު މައްސަލަ އުފަންވާ ހިސާބަކީ އެއީ އެވެ. އެ ކޮމިޝަނަކީ މިނިވަން މުސްތަގިއްލު ތަނަކަށް ނުވުމެވެ. އެހެންވެގެން އެ ބޮޑު ގޯސް ރަނގަޅު ކުރަން ނުކުތީ އެމްޑީޕީ އެވެ.

އެމްޑީޕީގެ ލީޑާޝިޕުން ރައްޔިތުންނަށް ދެމުންގެންދިޔަ ޔަގީން ކަމަކީ އެ ގޯސް ރަނގަޅުކޮށް، މިނިވަން އިންސާފުވެރި ފަނޑިޔާރުގެއެއް ހޯދައި ދިނުމެވެ. އެ ޔަގީންކަމާއެކު އެކަން ކުރުމަށް ބޭނުންވީ ހުރިހާ ކަމެއް އެ ރައްޔިތުން މިހާރު ވަނީ ހަމަޖައްސައިދީފަ އެވެ. އަދި އެއީ އަވަހަކަށް އެކަންކަން ވާނެ ކަމުގެ އުންމީދުގަ އެވެ.

މިދިއަ ރިޔާސީ އިންތިހާބާއި ދެން އައި މަޖިލިސް އިންތިހާބު އެމްޑީޕީއަށް އެ ރައްޔިތުން ދިނީ އެ ޔަގީން ކަމަށް ކަށަވަރުކަން ގެންނާނެ ކަމުގެ އުންމީދާއެކު އެވެ. އެވާހަކަތައް ދެއްކެވި ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީ ކޯޓުތަކުގެ ނާއިންސާފާއި އެތަކެއް އަހަރެއް ވަންދެން ކުރިމަތިލައްވަން ޖެހި ވަޑައިގެންނެވި، ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

އެމަނިކުފާނާއި، އެމްޑީޕީން ބުނަމުން ގެންދިޔައީ ޖޭއެސްސީ އަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަށްޓަކައި، އެ ކޮމިޝަން އެކުލެވިގެންވާ ގޮތަށް ބަދަލު ގެންނަން ޖެހެއޭ އެވެ. އޭރު ޖޭއެސްސީގެ ކޮންޓްރޯލެއް އެ ބޭފުޅުންގެ އަތަކު ނެތެވެ. ނަމަވެސް ސަރުކާރު ބަދަލުވެ، އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބުމާއެކު، ހާލަތު މިވަނީ މުޅިން ބަދަލުވެފަ އެވެ.

އޭރު ސިޔާސީ ނުފޫޒު އޮތް ކަމަށް ގަބޫލު ކޮށް، ވަގުތުން "ފަރުވާ" ކުރަން ޖެހިފައި އޮތް ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާމެދު އަދި ވިސްނަން ޖެހޭ ހިސާބަށް ގޮސްފި އެވެ. ހަމަ ކުއްލިއަކަށް ޖޭއެސްސީއަށް ޖެހިފައި އޮތް "ސިޔާސީ ކެންސަރު" ފިލައިފި އެވެ.

މިއީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރަނީ ކޮން އިރަކުންތޯ އަވަސް އިން ސުވާލެއް ކުރުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވި ޖަވާބެވެ: "ގާނޫނު އަސާސީގެ އިލްމުގެ ބޭފުޅުން މިކަން ދެކޭ ގޮތަކީ އެ ބަދަލުތައް ގެންނަން ޖެހޭނީ ވިސްނާފައޭ. ބަހުސް ކޮށްފައޭ. ރައްޔިތުންނާއި ވާހަކަ ދައްކާފައޭ. ރައްޔިތުންގެ ހިޔާލު ވަރަށް ބޮޑަށް އޭގައި ހިމެނިގެން ހޯދިގެން. އެ ހަމަ އެއްރޭ ހެނދުނު ފަތިހު ހޭލާފައި އަޅުގަނޑުމެން އަތުގައި ބައިވަރު ގޮނޑި ހުރީމަ، ގާނޫނު އަސާސީ ބަދަލު ކޮށްގެން ނުވާނެ. ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ކޮމްޕޮޒިޝަނަށް ގެންނަ ބަދަލެއް ގެންނާން މި ޖެހެނީ ޝަރުއީ ނިޒާމު އިސްލާހު ކޮށްގެން"

މިއީ ކޮންކަހަލަ ވާހަކަފުޅެއް ހެއްޔެވެ؟ މި ޖަވާބު އެމަނިކުފާނު ދެއްވާފައި އެވަނީ ރައްޔިތުން ބޭނުންވާ ގޮތް ވަރަށް ސާފުކޮށް، ނިމިދިޔަ ދެ އިންތިހާބުން އެ ރައްޔިތުން ހާމަކޮށްފައި ވަނިކޮށެވެ. ރައްޔިތުން ބޭނުންވަނީ މިނިވަން މުސްތަގިއްލު ފަނޑިޔާރު ގެއަކާއި ޖޭއެސްސީ އެކެވެ. އެކަން ކުރަން އެއް މަސް ދުވަސް ވެސް އެއީ ދިގު މުއްދަތެކެވެ. ރައްޔިތުން ތިބީ ކެތްމަދުވެ، ގޮތް ހުސްވެ، އުންމީދީ އާ މަންޒަރެއް ދެކެން ބޭނުންވެފަ އެވެ. ރައީސް ނަޝީދުގެ މިވާހަކައިން އެނގެނީ އެމަނިކުފާނުގެ ވިސްނުން މިހާރު ރައްޔިތުންނާއި ދުރަށް ޖެހިފައިވުމެވެ. އެހެން ބުނަން ޖެހެނީ މަޖިލީހާއި ޖޭއެސްސީގެ ފުލް ކޮންޓްރޯލް މިހާރު އެމަނިކުފާނުގެ އަތްޕުޅުގައި އޮތުމުންނެވެ.

"ހަގީގަތުގައި ޖޭއެސްސީ އެކުލެވިގެންވާ ގޮތް މިހާރުން މިހާރަށް ވެސް ބަދަލު ކުރަން ޖެހޭ. ގާނޫނު އަސާސީއަށް އިސްލާހު ގެނެސްގެންވިޔަސް، ގާނޫނުތައް ބަދަލުކޮށްގެން ވިޔަސް، އެ އުންމީދުގައި ރައްޔިތުން އެމްޑީޕީއަށް މެޖޯރިޓީ ދިނީ. އެ އުންމީދުގައި ރައީސް ނަޝިދު އެޖެއްސެވީ ކޮޅުފައިން. އެމްޑީޕީން ބޭނުންވެގެން އުޅެނީ އިސްލާހެއް ނޫން، އެމްޑީޕީން ބޭނުންވެގެން އުޅެނީ ޝަރުއީދާއިރާގެ ކޮންޓްރޯލް. އެއީ މަޖިލީހުގައި ވެސް އެބޭފުޅުން އެ ދައްކަވާ ސައިޒު ކުރާ ވާހަކަ އަކީ. އެއީ ރަނގަޅު ނިޔަތެއް އޮވެގެން ކުރަން ބުނި ކަންކަމެއް ނޫން. ހައްތާވެސް ރައްޔިތުން ގުނބޯ ހައްދަން އެމްޑީޕީއާއި ނަޝީދު ދެއްކެވި ވާހަކަ. ނަޝީދު ވެސް، އެމްޑީޕީންވެސް ބޭނުންވަނީ ކޮންޓްރޯލް، އެކަން އެ އޮތީ ފެންނަން. އެ ބާރު ލިބުނީމަ، ދެއްކި ވާހަކައިގެ މަތިން ހަދާނެެއް ނެތް." މަޖިލީހުގައި ހިމެނި ވަޑައިގަންނަވާ އިދިކޮޅު މެމްބަރަކު ވިދާޅުވި އެވެ.

ޖޭއެސްސީ މިހާރު އެކުލެވިގެންވާ ގޮތައް ބަލާއިރު، އެ ކޮމިޝަނުގެ ކޮންޓްރޯލް އޮތީ އެމްޑީޕީއަށެވެ. ކޮމިޝަނުގައި އަށް މެމްބަރުން ތިއްބަވާއިރު ވަކީލުންގެ ތެރެއިން އިންތިހާބު ކުރި މެމްބަރުގެ މަގާމް ވަނީ ގެއްލިފަ އެވެ. އެހެން ކަމުން ބާކީ ތިއްބެވީ ހަތް މެމްބަރުންނެވެ.

އެ މެމްބަރުންގެ ތެރެއިން، މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުން ކަނޑައަޅާ މެމްބަރުގެ ހައިސިއްޔަތުން ހިސާން ހުސައިން އާއި، ރައީސުލް ޖުމްހޫރިއްޔާގެ މެމްބަރު އަދި ކޮމިޝަނުގެ ނައިބު ރައީސް މަސްތޫރު ހުސްނީގެ އިތުރުން ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތާއެކު ކޮމިޝަނުގައި މިހާރު އޮތީ އެމްޑީޕީގެ "ސިޔާސީ ނުފޫޒެ" ވެ.

މިއީ ރައްޔިތުން ބޭނުންވާނެ ގޮތެއް ނޫނެވެ. ރައްޔިތުން ބޭނުންވަނީ ސިޔާސީ ނުފޫޒުން އެެއްކިބާވެފައިވާ ޖޭއެސްސީއަކާއި، ފަނޑިޔާރު ގެއެކެވެ. ކޮންމެ އޭންގަލަކުން ބެލި ކަމުގައިވީ ނަމަވެސް، އެމްޑީޕީއަށް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު މިހާރު އެބަ އޮތެވެ.

އެމްޑީޕީން ނިކުތީވެސް އެ ނުފޫޒުން މުވައްސަސާތައް މިންޖުކުރާށެވެ. އެހެން ކަމަށްވާނަމަ، އެމްޑީޕީން ރީތި މިސާލެއް ދައްކައި، ކުރިން ދެއްކި ވާހަކަ ހަގީގަތަކަށް ހަދައި ރައްޔިތުންގެ އިތުބާރު ދަމަހައްޓަން އެބަޖެހެއެވެ. އެ އިތުބާރު ދެމެހެއްޓުމަށްޓަކައި، ޖޭއެސްސީއާއި ފަނޑިޔާރުގެއަަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހަދަން އެބަޖެހެ އެވެ.