ހަބަރު

ލުތުފީ ގެނައުން ލަސްވާތީ މަޖިލީހަށް ކުއްލި މައްސަލައެއް

ހ. ހާޖަރާގޭ އަަބްދުﷲ ލުތުފީ ރާއްޖެ ގެނައުމަށް ސަރުކާރުން މަސައްކަތެއް ނުކުރާ ކަމަށާއި އޭނާ އަނެއްކާ ވެސް ފިލާފާނެ ކަމަށް ބެލެވޭތީ ރައްޔިތުން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ލުތުފީއާ ބެހޭ ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ. އެ މައްސަލަގައި މަޖިލީހުން ނެގި ވޯޓުގައި 69 މެންބަރުން ވޯޓު ދެއްވީ އެ މައްސަލަ ބަލައިގަތުމަށެވެ. އަދި ވަކި ގޮތަކަށް ނުފެންނަ ކަމަށް ވެސް މެންބަރަކު ވޯޓު ދެއްވި އެވެ.

އާދަމް ޝަރީފް ހުށަހެޅި ކުއްލި މައްސަލާގައިވާ ގޮތުން 2010 ވަނަ އަހަރު ލުތުފީ ބޭސްފަރުވާއަށް އިންޑިޔާއަށް ފޮނުވާލުމަށް ފަހު އޭނާ ފިލުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި 154،200 ރުފިޔާ ހުށަހަޅާ އޭނާ އަނބުރާ ގެނައުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި ލުތުފީ ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި އުޅެމުންދާކަން މި ސަރުކާރުން ކަށަވަރުކޮށްދީފައިވާ އިރު މިއަދާ ހަމަޔަށް ވެސް ރާއްޖެއަށް ގެނެސްފައި ނުވާ ކަމަށެވެ.

އެ މައްސަލާގައި ސަރުކާޒުން ޒިންމާއިން ރެކި އެހެން ފަރާތްތަކުގެ ބޮލުގައި އެކަން އަޅުވަމުން މަސައްކަތް ކުރަމުންދާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އަދި އެމްބަސީއިން ލަންކާގެ ކަމާ ބެހޭ ފަރާތްތަކަށް ލުތުފީ ހަވާލުކޮށްފައި ނުވާ ކަމަށާއި ސަރުކާާރުން މަސައްކަތް ކުރާތީ އޭނާ އަލުން ފިލާފާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.