ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި އިސް ބާޣީ އަބްދުﷲ ލުތުފީ ރާއްޖެ ގެންނަން ލަސްވާތީ ކުއްލި މައްސަލަ ހުށަހެޅުއްވި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރަށް އެ މައްސަލައަށް ބަހުސް ކުރެއްވި އެމްޑީޕީގެ މެންބަރުން ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލާގައިވާ ގޮތުން 19 ދިވެހިން މަރައި ޝަހީދުކޮށްލައި ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އަރުވައި، މިސްކިތްތަކުގެ ހުރުމަތް ކެނޑި ލުތުފީ، ސަރުކާރުން ސްރީލަންކާ އެމްބަސީގައި ބެހެއްޓުމުގެ އިތުރުން މިހާރު އެނާ ގެންނަން އިތުރު ހުރަސްތަކެއް ހުރި ކަމަށް ބުނަމުންދާތީ ކަންބޮޑުވެ އެވެ. އަދި އެމްބަސީއިން ލަންކާގެ ކަމާ ބެހޭ ފަރާތްތަކަށް ލުތުފީ ހަވާލުކޮށްފައި ނުވާ އިރު އޭނާ ގެނައުމުގެ މަސައްކަތް ލަސްވެފައިވެ އެވެ.
ކުއްލި މައްސަލައަށް ބަހުސް ކުރަން މަޖިލީހުގައި ފާސްވި ނަމަވެސް ބަހުސްގައި ބައިވެރިވެ ވަޑައިގެންނެވި އެމްޑީޕީގެ މެންބަރުން ވަނީ ރުޅިގަދަވެ، މައްސަލަ ހުށަހެޅި މެންބަރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި ބައެއް މެންބަރުން ވަނީ ލުތުފީއަށް މައާފް ދިނުމަށާއި ލުތުފީ މިނިވަން ކުރަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރަން ސަރުކާރަށް ގޮވާލައިފަ އެވެ.
އެގޮތުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ މީހަކަށް އަދަބު ދޭ އިރު އެ އަދަބަކީ ތާއަބަދަށް ދެމިގެންދާ އެއްޗަކަށް ވާކަށް ނުޖެހޭ ކަމަށާއި އެގޮތުން ލުތުފީއަށް ހުކުމް ކުރި ޝަރީއަތް ހިނގި ގޮތާ މެދު ވެސް ވިސްނާލަން ޖެހޭ ކަމަށެވެ. އެހެންކަމުން މިފަދަ މައްސަލަތައް މަޖިލީހަށް ހުށަހެޅުމުގެ ބަދަލުގައި އެއަށް ވުރެ ގައުމުގައި އިސްކަން ދޭން ޖެހޭ ކަންކަން ހުރި ކަމަށް އަސްލަމް ވިދާޅުވި އެވެ.
މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ލުތުފީއަކީ ގައުމަށް ނާދެވިފައި ހުރި 70 އަހަރުވެފައިވާ މުސްކުޅިއެއް ކަމަށެވެ. އަދި ނޮވެމްބަރު 3 ގެ ހާދިސާގައި 19 ދިވެހިން މަރުވި ނަމަވެސް ލުތުފީ އެއްވެސް މީހެއް ގަޔަށް ބަޑި ނުޖަހާނެ ކަމަށާއި އޭނާ ރާއްޖެ ގެނެސް ސަރުކާރުން މައާފް ދޭން ޖެހޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"ލުތުފީ ޖަލުގައި ހުރި މުއްދަތާއި ބާކީ އޮތް މުއްދަތާއި ހުކުމް ކުރި ގޮތަށް ރިއާޔަތް ކުރުމަށް ފަހު އޭނާއަށް މާފު ދިނުމަކީ އެއީ އެންމެ ރަނގަޅު ގޮތް، ކުށެއް ކުރީތީ އަބަދު އަޅައިގަނެގެން އުޅޭކަށް ނުޖެހޭ،" ޝަރީފް ވިދާޅުވި އެވެ.
ދޭތެރެއަކުން ބަހުސްގެ ތެރެއަށް ވަދެވަޑައިގަންނަވާ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ "ލުތުފީ މިސްކިތްތަކުގެ ހުރުމަތްތެރިކަން ކެނޑި ކަމަކަށް ހައި ކޯޓުން ކުރި ހުކުމުގައި އެނގެން ނެތް" ކަމަށެވެ.
"މެންބަރުންގެ ޕޯޓަލްގައި މިހާރު އިންނާނެ ލުތުފީއަށް ކުރި ހުކުމުގައި ފާހަގަ ކުރެވުނު ކަންކަން. އޭގައި މިސްކިތުގެ ހުރުމަތް ކެނޑި ކަމަކަށް ބުނަަފައެއް ނެތް ވާހަކަ ދަންނަވާލަން،" އެހެން މެންބަރަކަށް ފުރުސަަތު ދެއްވުމުގެ ކުރިން ނަޝީދު ވިދާޅުވި އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލާގައި ރަނގަޅު މައުލޫމަތެއް ނެތް ކަމަށެވެ. ރެޑް ނޯޓިސް ނެރުނީ ރާއްޖެއިން އެދިގެން ކަމަށާއި އެހެންކަމުން ލަންކާ ސަރުކާރަށް އެކަން އެނގެން ނުޖެހޭ ކަމަށް އީވާ ވިދާޅުވި އެވެ.
އާދަމް ޝަރީފް މިނިސްޓަރު ކަމުގައި ހުންނެވި އިރު ވެސް އަދި އުމަރު ނަސީރުގެ މިނިސްޓަރު ކަމުގައި ވެސް ލަންކާ ސަރުކާރުން ލުތުފީގެ މައުލޫމާތު ދެމުން ދިޔަ ކަމަށާއި ނަމަވެސް އެ ލީޑާޝިޕް އިން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް އިވާ ވިދާޅުވި އެވެ.
"މިހާރު ކޮންމެ ދުވަހު ޕީއެންސީގެ ޖަލްސާއަށް މީހުން އެއް ކުރަން ވެގެން ސަރުކާރު ފަލީހަތް ކުރާނެ ކަމޭ ހީކޮށް ދައްކާނެ ވާހަކައެއް ނެތަތިގެން ހުށަހެޅި މައްސަލައެއް މިއީ. 2012 އިން ފެށިގެން ހުރިހާ ސަރުކާރަކަށް ލުތުފީވީ ތަން އެނގޭ. ސްރީލަންކާގެ އޭޖީ އޮފީހުގެ ސިޓީ ލިބުނުހާ އަވަހަށް ލުތުފީ ގެންނާނަން. އިދިކޮޅު މެންބަރުންނަށް ކަނޑައެޅިގެން އެކަން އެނގިވަޑައިގަންނަވާނެ،" އީވާ ވިދާޅުވި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވީ ނޮވެމްބަރު ތިނެއްގައި ޝަހީދުވި 19 ދިވެހިންގެ ލޭ ސިޔާސީ މަންފާއެއް ހޯދަން ބޭނުން ކުރަން އާދަމް ޝަރީފް ލަަދުގަންނަން ޖެހޭ ކަމަށެވެ. ލަންކާ ސަރުކާރުން ކަންކަން ކުރަނީ ރާއްޖޭގެ ސުޕްރީމް ކޯޓުން އަމަލު ކުރާ ގޮތަށް ނޫން ކަމަށާއި ހަމަތަކާއި އުސޫލުތަކުގެ މަތިން ލުތުފީ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.
ލުތުފީ ގެނައުމުގައި އިހުމާލުވި ކަމުގެ އިތުރުން އެހެން ތުހުމަތެއް ވެސް އާދަމް ޝަރީފްއަށް ކުރެއްވި އެވެ. އެގޮތުން ކަނޑިތީމަ ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ލަތީފް ވިދާޅުވީ އާދަމް ޝަރީފް ލަންކާގައި ލުތުފީއާއެކު ކޮފީ ބޯން ހުރި ފޮޓޯއެއް ދައުރުވާ ކަމަށެވެ. އެއީ ލަދުވެތި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާރު މި މައްސަލަ ހުށަހަޅައިގެން އުޅެނީ ސިޔާސީ ތާއީދު ހޯދުމުގެ ބޭނުމުގައި ކަމަށާއި އެ ޕާޓީ އިން ބާއްވާ ޖަލްސާއަށް މީހުން ހޯދުމުގެ ބޭނުމުގައި ކަމަށް ޝަހީމް ވިދާޅުވި އެވެ.
ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް ވިދާޅުވީ އާދަމް ޝަރީފް ޑިފެންސް މިނިސްޓަރު ކަމުގައި ހުންނަވައިގެން ލުތުފީ ރާއްޖެ ނުގެނެވުމަކީ "ރަނޑު" އަމަލެއް ކަމަށެވެ. އަދި އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލީހަކަށް އެކަން ހުށަހެޅުމަކީ ވެސް އެފަދަ އަމަލެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަންހެން ޑިފެންސް މިނިސްޓަރަކު ހުރި ސަރުކާރުން އެކަން ކުރާ އިރު އާދަމް ޝަރީފްއަށް ނުވުމަކީ ލަދުވެތިކަމެއް ކަމަށް ވެސް އެ މެންބަރު ވިދާޅުވި އެވެ.
ލުތުފީ މައްސަލާގައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތުމާ މެދު މިއަދު 1:30 ގައި ވޯޓަށް އަހާނެ އެވެ.