ސަރުކާރުން ބަދަލުގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ދޫކުރި ކުންފުނިތަކާއި ފަރުދުންގެ ތަފުސީލު ހާމަކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފު އެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފު ވިދާޅުވީ ސަރުކާރުން ބަދަލުގެ ގޮތުގައި މިހާތަނަށް 1.6 ބިލިއަން ރުފިޔާ ދޫކޮށްފައިވާކަން ރާއްޖޭގެ ނޫހަކުން ޝާއިއުކޮށްފައިވާ ކަމަށެވެ.
ފައިސާ ދޫކުރި ކުންފުނިތަކުގެ ތަފުސީލު ސަރުކާރުން ހާމަކޮށްފައިނުވާ ކަމަށާއި އެއް ކުންފުނީގެ މައުލޫމާތު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދާފައިވާ ކަމަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފު ވިދާޅުވި އެވެ.
"ފައިސާ ދޫކުރުމުގައި ކޮރަޕްޝަންގެ އަމަލު ހިންގާފައިވާ ކަމަށް ތުހުމަތުކުރެޥޭތީ އާއި 1.6 ބިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދޫކުރިއިރު އެކަން ކުރަންވާނީ ޝަރުއީ ހަމަތަކުގެ ދަށުން ދެފުށް ފެންނަ،" ގޮތަށް ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.
އާދަމް ޝަރީފު ވަނީ ފައިސާ ދޫކުރި ސަބަބު ރައްޔިތުންނަށް އެނގެންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
"ބަދަލުގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ދޫކުރި ހުރިހާ ކުންފުނިތަކާއި ވަކިވަކި ފަރުދުންނާއި އެ ހުރިހާ ފަރާތްތަކަށް ފައިސާ ދޫކުރި އަދަދާއި އެ ފައިސާ ދޫކުރަންޖެހުނު ސަބަބުތައް ތަފުސީލާއެކު ހާމަކުރުމަށް،" ކުއްލި މައްސަލައިގައި އާދަމް ޝަރީފު ވަނީ ގޮވާލާފަ އެވެ.
މެންބަރު އާދަމް ޝަރީފު ކުއްލި މައްސަލަ ހުށަހަޅުއްވަމުން ގެންދެވިއިރު ސަރުކާރަށް ތާއީދުކުރައްވާ ބައެއް މެންބަރުން ވަނީ އާދަމް ޝަރީފުގެ މޭޒުކޮޅު ކައިރީގައި އަޑުގަދަކޮށްފަ އެވެ.
މަޖިލީހުގައި މެންބަރުން އަޑުގަދަކުރަމުން ދިޔައީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް ހަމަވެފައިވާތީ އެ މައްސަލަ އެޖެންޑާ ނުކޮށް މަޖިލިސް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އެވެ.
މެންބަރުން އަޑުގަދަކުރަމުން ދިޔުމުން މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލީ ކުއްލި މައްސަލައަށް ބަހުސްކުރުމާމެދު ގޮތެއް ނިންމުމަށް ވޯޓަށް ނާހަ އެވެ.