ފައިނަލުގައި، ޖަރުމަންގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ،ޔޫއެފާ ޔޫރޯ 21 އަހަރުންދަށުގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފި އެވެ.
ޖަރުމަންގެ މައްޗަށް، ސްޕެއިން ހޯދި ކާމިޔާބަކީ ދެ އަހަރު ކުރިން ހަމަ އެ މުބާރާތުގެ ފައިނަލުގައި ސްޕެއިން ބަލިކޮށް ޖަރުމަން ހޯދި ކާމިޔާބަށް ހިފި ބަދަލު ހިފުމެކެވެ. މިއީ މި މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިން ހޯދި ފަސް ވަނަ ފަހަރެވެ.
ސްޕެއިންގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ، ފެބިއަން ރުއިޒް އެވެ. މިކެލް އޮޔާޒަބަލް ދިން ބޯޅަ ބޯޅަ ހިފައިގެން ފަބިއަން ރުއިޒް ކުރިއަށް ޖެހިލުމުން ޖަރުމަންގެ ޑިފެންޑަރުން ޖެހުނީ ފަހަތަށެވެ. އެހެންވެ ފަބިއަން އަށް ޖާގަ ލިބިގެން ދިޔަ އެވެ. މެޗުގެ ހަތް ވަނަ މިނެޓްގައި އޭރިއާގެ ބޭރުން އޭނާ ބޯޅަ ފޮނުވާލީ ގޯލްގެ ތިރީ ކަނަށެވެ.
މެޗުގެ ކުރީކޮޅު ޖަރުމަނަށް މައްސަލަ ދިމާވި ނަމަވެސް ފަހުން ކުޅުން ރަނގަޅު ކޮށް ސްޕެއިންގެ ޑިފެންސަށް ބާރު ބޮޑު ކުރި އެވެ. ސްޕެއިންގެ ކެޕްޓަން އަދި ޑިފެންޑަރު ޖީސަސް ވަލޭހޯ، ޖަރުމަންގެ ލޫކަ ވަލްޑާޝްމިޑް އަށް ކުރި ޓެކުލަކާ ގުޅިގެން ރަތް ކާޑަކުން ސަލާމަތް ވީ ކިރިޔާ އެވެ. ވީއޭއާރު މެދުވެރިކޮށް ބެލުމަށް ފަހުވެސް މެޗުގެ ރެފްރީ އޭނާއަށް ދެއްކީ ރީނދޫ ކާޑެކެވެ.
ދެ ވަނަ ހާފުގައި، ޖަރުމަންގެ ކުޅުނު ރަނގަޅު ކޮށް ސްޕެއިންގެ ގޯލަށް ނުރައްކާ ކުރި އެވެ. ދެ ވަނަ ހާފުގައި ސްޕެއިންގެ ކީޕަރު އެންޓޯނިއޯ ސިވެރާވެސް ފެނުނީ ވަރަށް ބިޒީ ކޮށެވެ.
ސްޕެއިންގެ ދެ ވަނަ ލަނޑު، 69 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޑެނިއަލް އޮލްމާއޯ އެވެ. ޖަރުމަންގެ ލަނޑު 88 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަފާގާނިސްތާނަށް ނިސްބަތްވާ ނަދީމް އަމީރީ އެވެ. އޭގެ ފަހުން މެޗުގެގެ ނަތީޖާ އެއް ވަރު ކުރުމާ ވަރަށް ގާތަށްވެސް ޖަރުމަނަށް ދެވުނެވެ. އެހެންނަމަވެސް ސްޕެއިންގެ ކީޕަރު ސިވެރާ އެ ބޯޅަ ސަލާމަތް ކުރި އެވެ.