މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

މިދިޔަ މަހު ގިނައީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަ: ޖެންޑާ

މިދިޔަ މޭ މަހު ޖެންޑާ މިނިސްޓްރީއަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް އަނިޔާ ކުރުމުގެ މައްސަލަތައް ކަމަށް، މަހަކު އެއް ފަހަރު އެ މިނިސްޓްރީން އާންމުކުރާ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މިދިއަ މަހުގެ ތަފާސްހިސާބު އާންމު ކުރީ މިއަދު އެވެ. އެ ހިސާބުތަކަށް ބަލާއިރު މިނިސްޓިރީއަށް މިދިއަ މަހު ހުށަހެޅީ 212 މައްސަލައެކެވެ. އޭގެ ތެރެއިން 111 މައްސަލައަކީ ކުދިންނަށް އަނިޔާކޮށްގެން ހުށަހެޅި މައްސަލަތަކެވެ. އަދި އެއީ ހުށެހެޅި މައްސަލަތަކުގެ 52 ޕަސަންޓެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައި ވަނީ، ޖިސްމާނީ ހާނިއްކައިގެ މައްސަލަތަކާއި ޖިސްމަނީ ހާނިއްކައިގެ މައްސަލަތަކެވެ. މި ދެ ބާވާތުން ވެސް ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވަނީ 34 މައްސަލަ އެވެ.

ކުދިންނަށް އިހުމާލިވިކަމުގެ 27 މައްސަލަ އެއް ވަނީ މިދިޔަ މަހު ޖެންޑާއަށް ހުށަހަޅާފަ އެވެ. އެއީ ނަފްސާނީ ހާނިއްކައިގެ 10 މައްސަލައަކާއި، އިންޓަނެޓް މެދުވެރިކޮށް ކުދިން ބުލީކުރި ކަމުގެ ހަތަރު މައްސަލައެއްގެ އިތުރުން ގެވެށި އަނިޔާކުރާ މަންޒަރު ކުދިންނަށް ދެއްކުމުގެ ދެ މައްސަލައެކެވެ.

މީގެ އިތުރުންވެސް ކުދިން ހައްގުތަކުން މަހްރޫމްކުރުމުގެ ތިން މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ތައުލީމަށް ހުރަސް އެޅުމުގެ ދެ މައްސަލައަކާއި، އުފަންވުން ރަޖިސްޓްރީ ނުކުރާ އެއް މައްސަލައެކެވެ.

އާއިލީ މައްސަލަތަކުގެ ގޮތުގައި 21 މައްސަލައެއް ހުށަހެޅި އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަލާނާ ނުވަތަ ކުދިންނަށް ބައްދަލުކުރުމަށް ހުރަސް އެޅި ކަމުގެ 16 މައްސަލައެއްގެ އިތުރުން ކުދިން ބެލުމުގައި ދިމާވީ ހަތަރު މައްސަލައަކާއި ހަރަދު ނުދިނުމުގެ އެއް މައްސަލަ އެވެ.

ކުޑަ ކުދިން ކުށްކުރުމުގެ އަށް މައްސަލައެއް މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ރިޕޯޓް ކުރި ކަމަށް ތަފާސްހިސާބުން ދައްކަ އެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރުމުގެ ދެ މައްސަލަ ހިމެނޭއިރު އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލައެއްވެސް ހިމެނެ އެވެ.

ކުދިންގެ އަހްލާގާ ގުޅޭ 10 މައްސަލައެއް ޖެންޑާއަށް ހުށަހެޅިފައިވާ ކަމަށްވެސް ތަފާސްހިސާބުން ދައްކައެވެ. އެ މައްސަލަތަކުގެ ތެރޭގައި ކުދިން ގެއިން ނުކުމުގެން ދިޔަ ކަމުގެ ފަސް މައްސަލައެއް ހިމެނެ އެވެ. އަދި ސްކޫލަށް ދާން ބޭނުންނުވާ ކަމުގެ އެއް މައްސަލަ ހިމެނެ އެވެ.

ޖެންޑާ މިނިސްޓްރީއަށް ހުށަހެޅިފައިވާ އެހެނިހެން މައްސަލަތަކުގެ ތަފާސްހިސާބަށް ބަލާއިރު، ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާގެ 42 މައްސަލަ ވަނީ ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފަ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ގުޅޭ 15 މައްސަލަ ހުށެހެޅިއިރު އަމިއްލަ ނަފްސަށް ގެއްލުން ދޭން އުޅުނު ކަމުގެ ދެ މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ހުށަހެޅި އެވެ.