އެމްއެމްއޭ

އެމްއެމްއޭއިން ކަރެންސީ ގެލެރީއެއް ހުޅުވައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ 38 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ކަރެންސީ ގެލަރީއެއް ރަސްމީކޮށް ހުޅުވައިފި އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ކަރެންސީ ގެލަރީ ހުޅުވައި ދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ. މި ރަސްމިއްޔާތުގައި ކުރީގެ ގަވަރުނަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ގެލަރީ ހުޅުވައި ދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ އެމްއެމްއޭއަކީ ފައިސާ ފޮއްޗާއި ނޫޓު ނެރުމުގެ މަސައްކަތް ބަލަހައްޓާ އިދާރާ ކަމަށް ވާތީ، އެމްއެމްއޭއިން ދިވެހި ފައިސާގެ ތާރީހު ފެންނަން ހުރުމަކީ މުހިއްމު ކަމެއްކަމަށް ދެކެވަޑައިގަންނަ ކަމަށެވެ.

އެމްއެމްއޭ އިން ބުނީ އެ ގެލަރީ ހުޅުވުމުގެ މަގުސަދަކީ މިހާތަނަށް ރާއްޖޭގައި ފައިސާގެ ގޮތުގައި ބޭނުން ކޮށްފައިވާ ތަކެއްޗާއި، ނެރެފައިވާ ހުރިހާ ނޫޓާއި ފައިސާ ފޮތި އެއްތަނަކުން ފެންނާނެ ގޮތަށް ހެދުން ކަމަށެވެ. ހަނދާނީ ފައިސާގެ ގޮތުގައި ނެރެފައިވާ ފައިސާ ވެސް މި ގެލަރީއިން ފެނިގެން ދާނެ ކަމަށެވެ.

ކަރެންސީ ގެލެރީއެއް ހުޅުވީ އެމްއެމްއޭގެ ގްރައުންޑްފްލޯގަ އެވެ. މި ގެލަރީއަށް ޒިޔާރަތްކުރުމުގެ ފުރުސަތު އާއްމުންނާއި ފަތުރުވެރިންނަށް އޮންނާނެ އެވެ. ގެލަރީ ހުޅުވާފައި ހުންނާނީ ބަންދު ދުވަސް ފިޔަވައި ކޮންމެ ދުވަކު ހެނދުނު 8:30 އިން މެންދުރު 2:00 އަށެވެ. .