ރާޅު ގުޑި އިވެންޓް

ރާޅުގުޑި: ވަށަފަރުގެ މަރުހަބާ އާއި ޖަޒީރާވަންތަ ކެއުން!

ވަށަފަރުން: ނާޒިމް ހަސަން
Jul 1, 2019
5

ރާއްޖޭގެ ދެކުނުން އުތުރަށް ކައިޓް ސާފުކުރުމަށް ފަށާފައިވާ "ރާޅުގުޑި" ހަރަކާތުގައި މިއަދު މެންދުރުގެ މަންޒިލަކަށްވީ ހއ. ވަށަފަރެވެ. އެންމެ ހޫނުގަދަ ގަޑީގައި ވަށަފަރަށް ކައިޓް ސާފަރުން ގާތްކުރުމުން އެ ރަށުން ކީ ވެސް އެހާ ހޫނު މަރުހަބާއެކެވެ.

ރަށުގެ ގޮނޑުދޮށް "ރާޅުގުޑި"އަށް މަރުހަބާ ކިޔަން ތައްޔާރުކޮށްފައިވާއިރު އެތަނަށް ރަށުގެ ރައްޔިތުން ވެސް ނުކުތެވެ. ހާއްސަކޮށް ކުޑަކުދިންތައް ސަގާފީ ރީތި ހެދުންތަކުގައި ނުކުމެ ތިއްބެވެ. އެ ކުދިން "ރާޅުގުޑި" ފެނި އުފަލުން ތިބިއިރު ކުދިންގެ ފަރާތުން އެތުލީޓުންނަށް ވަނީ ރަށް، ރަމްޒުކޮށްދޭ ހަދިޔާއެއް ވެސް ދީފަ އެވެ.

ވަށަފަރުން އެންމެ ބޮޑަށް ފާހަގަކުރެވުނީ އެ ރަށުގެ ޖަޒީރާވަންތަކާއެކު ކީ މަރުހަބާ އެވެ. ރަށުގެ ގޮނޑުދޮށުގައި ވަކި ހެދިފައިވާ ކުޑަ މޫދެއްގައި ތައްޔާރުކޮށްފައިހުރީ ދިވެހި ކެއުމެވެ. ރިޔަލެއްގެ ހިޔަލުގައި ބޮޑު ބެރުގެ ފޯރީގަދަ ހުށަހެޅުންތައް ހުށަހަޅައިދިނެވެ. އެންމެ ފުރަތަމަ ވެސް ފޯރި ނަގާލީ "ކުދި ޖަޒީރާތަކޭ" ލަވައަށެވެ.

މެންދުރުގެ ހޫނު ގަދަ ގަޑީގައި މީރު ދިވެހި ކެއުން ކަކުލާ ހަމައަށް ފެނުގައި ތިބެ ކާލުންވީ އެންމެންނަށް ވެސް ވަރަށް ކަމުދިޔަ ހިތްހަމަޖެހުން ލިބުނު ތަފާތު ތަޖުރިބާއަކަށެވެ. އަދި ވަށަފަރު ކެއުންގަނޑުގެ ރަހަ ވެސް ހަމަ އެހާ މީރެވެ. ބަނބުކެޔޮ ބަތާއި ރިހާކުރާއި އަލަ އާއި ފިހު މަހެވެ. ވަށަފަރަށް ހަމަ ޝުކުރިއްޔާ އެވެ!

އިއްޔެ ކެލާގައި ތިބުމަށްފަހު މިއަދުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ވަށަފަރަށް އައިސް މިހާރު އެތުލީޓުން ތިބިިއިރު ދެން އޮތް މަންޒިލަކީ ހޯރަފުއްޓެވެ. އެތުލީޓުން މިރޭ މަޑުކުރާނީ ހޯރަފުށީގަ އެވެ. އެއަށްފަހު މާދަމާ ފުރާނީ ދަތުރުގެ އެންމެ ފަހު މަންޒިލް ކަމަށްވާ ތުރާކުނާ ދިމާލަށެވެ. މާދަމާ ހަވީރު ދަތުރު ނިންމާލާާއިރު މި ދަތުރުގެ ރާއްޖޭގެ ގިނަ ރަށްރަށަކަށް ދަތުރު ކުރެވި ތަފާތު ސަގާފަތްތަކާއި އާދަކާދަތައް ފެނިގެން ދިޔަ އެވެ.