ޝައިމް އަބްދުﷲ

ގެއެއްގެތެރޭ ފިލާ އޮއްވާ ޝައިމް ހޯދައިފި

Jul 1, 2019
13

ފިލައިގެން އުޅުނު ކުޑަ ކުއްޖާ، އަބްދުﷲ ޝައިމް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލޭގެ ގެއެއްގެ ތެރޭގައި ފިލާ އޮއްވާ ބާރުގެ ބޭނުންކޮށްގެން އެ ގެއަށް ވަދެ ފުލުހުންގެ ބެލުމުގެ ދަށަށް ޝައިމް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް، އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެ އެވެ.

މި މަހުގެ 18 ވަނަ ދުވަހު ހެނދުނުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުންދާ 14 އަހަރުގެ ޝައިމް ގެއްލިފައިވަނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް އެސެސްމެންޓެއް ހަދަން ގެންގޮސް ހިޔާގައި ބަހައްޓާފައި ހުއްޓަ އެވެ.

ޝައިމް ގެއްލިގެން ހޯދަން އިއުލާން ކުރި އިރު، އޭނާއަކީ ކުޑަކުދިންގެ ހިޔާގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއް ކަން ޖެންޑާ އިން ވެސް ފުލުހުން ވެސް ހާމައެއް ނުކުރެ އެވެ. އެކަން ހާމަވީ ސޯޝަލް މީޑިއާގައި ދައުރުވި ޖުވެނައިލް ކޯޓުގެ އަމުރެއްގައި ގެއްލިގެން ހޯދަމުން ދަނީ، ކުޑަކުދިންގެ ހިޔާގެ ބެލުމުގައި ހުރި ކުއްޖެއް ކަމަށް އޮތުމުންނެވެ.

ޝައިމްގެ މައްސަލާގައި ޖެންޑާގެ މިނިސްޓްރީ އާއި މިނިސްޓަރު ޝިދާތާ ޝަރީފަށް ވަރަށް ބޮޑަށް ވަނީ ފާޑުކިިޔުންތައް އަމާޒުވެފަ އެވެ.