ފިލައިގެން އުޅުނު ކުޑަ ކުއްޖާ، ޝައިމް އަބްދުﷲ ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.
ޝައިމް ފިލައިގެން އުޅެނިކޮށް ހޯދާފައި ވަނީ ގެއެއްގެ ތެރޭގައި އޮއްވަ އެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އެ ގެއަށް ވަނީ ބާރުގެ ބޭނުން ކޮށްގެނެވެ.
ނަމަވެސް ފުލުހުން ބުނީ އެ މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި މާލޭގެ ގެއެއްގެ ތެރޭ ފިލައި ހުއްޓާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ބ. އޭދަފުށީގައި ޖެންޑާ މިނިސްޓްރީން ގާއިމްކޮށްފައިވާ ޑިޕާޓްމެންޓެއްގެ ބެލުމުގެ ދަށަށް އޭނާ ވަނީ މިހާރު ގެންގޮސްފަ އެވެ. ނަމަވެސް އެކަމާބެހޭ ރަސްމީ އެއްވެސް މައުލޫމާތެއް އަވަސް އަށް ސާފުވެފައެއް ނުވެއެވެ.
ޝައިމް ގެއްލުނީ މިދިއަ މަހުގެ 18 ވަނަ ދުވަހު ހެނދުނު އެވެ. އެކަން ރިޕޯޓް ކުރީ އޭގެ ދެ ދުވަސް ފަހުންނެވެ. އޭގެ ފަހުން ޝައިމަކީ ކުޑަކުދިންގެ ހިޔާގައި ވަގުތީ ގޮތުން ބަހައްޓާފައި ހުރި ކުއްޖެއް ކަމާއި އޭނާ އެތަނުން ފިލީކަން ހާމަވި އެވެ.
ނަމަވެސް ޝައިމް ގެއްލިގެން ހޯދަން އިއުލާން ކުރި އިރު ފުލުހުން ވެސް އަދި ޖެންޑާއިން ވެސް އޭނާއަކީ ކުޑަކުދިންގެ ހިޔާގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއް ކަން ބުނެފައެއް ނުވެ އެވެ. އެކަން ފަޅާ އެރީ ސޯޝަލް މީޑިއާގައި ދައުރުވި ޖުވެނައިލް ކޯޓުގެ އަމުރެއްގައި ގެއްލިގެން ހޯދަމުން ދަނީ، ކުޑަކުދިންގެ ހިޔާގެ ބެލުމުގައި ހުރި ކުއްޖެއް ކަމަށް އޮތުމުންނެވެ.
އެ ސަބަބުތައް އޭރު ދިމާވުމުން ޝައިމްގެ މައްސަލާގައި ޖެންޑާގެ މިނިސްޓްރީއާއި މިނިސްޓަރު ޝިދާތާ ޝަރީރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވި އެވެ