ހަބަރު

ޝައިމް މައްސަލާގައި ހައްޔަރު ކުރި މީހުންގެ ބަންދު އިތުރުކޮށްފި

ފިލައިގެން އުޅުނު އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ ފޮރުވައިގެން ގެންގުޅުނު މައްސަލާގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި ޝައިމްގެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި 46 އަހަރުގެ ދިވެހި އަންހެން މީހާގެ ބަންދުގެ މުއްދަތަށް ކޯޓުން ވަނީ ހަ ދުވަސް ޖަހާފަ އެވެ. އަދި ހައްޔަރު ކުރި 23 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދުގެ މުއްދަތަށް ކޯޓުން ޖެހީ 15 ދުވަހެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި މާލޭގެ ގެއެއްގެ ތެރޭ ފިލައި ހުއްޓާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ބ. އޭދަފުށީގައި ޖެންޑާ މިނިސްޓްރީން ގާއިމްކޮށްފައިވާ ޑިޕާޓްމެންޓެއްގެ ބެލުމުގެ ދަށަށް އޭނާ ވަނީ މިހާރު ގެންގޮސްފަ އެވެ. ނަމަވެސް އެކަމާބެހޭ ރަސްމީ އެއްވެސް މައުލޫމާތެއް އަވަސް އަށް ސާފުވެފައެއް ނުވެ އެވެ.

ޝައިމް ގެއްލުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ހެނދުނު އެވެ. އެކަން ރިޕޯޓް ކުރީ އޭގެ ދެ ދުވަސް ފަހުންނެވެ. އޭގެ ފަހުން ޝައިމަކީ ކުޑަކުދިންގެ ހިޔާގައި ވަގުތީ ގޮތުން ބަހައްޓާފައި ހުރި ކުއްޖެއް ކަމާއި އޭނާ އެތަނުން ފިލީކަން ހާމަވި އެވެ.

ނަމަވެސް ޝައިމް ގެއްލިގެން ހޯދަން އިއުލާން ކުރި އިރު ފުލުހުން ވެސް އަދި ޖެންޑާއިން ވެސް އޭނާއަކީ ކުޑަކުދިންގެ ހިޔާގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއް ކަން ބުނެފައެއް ނުވެ އެވެ. އެކަން ހާމަވީ ސޯޝަލް މީޑިއާގައި ދައުރުވި ޖުވެނައިލް ކޯޓުގެ އަމުރެއްގައި ގެއްލިގެން ހޯދަމުން ދަނީ، ކުޑަކުދިންގެ ހިޔާގެ ބެލުމުގައި ހުރި ކުއްޖެއް ކަމަށް އޮތުމުންނެވެ.

އެ ސަބަބުތައް އޭރު ދިމާވުމުން ޝައިމްގެ މައްސަލާގައި ޖެންޑާގެ މިނިސްޓްރީއާއި މިނިސްޓަރު ޝިދާތާ ޝަރީފަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވި އެވެ. ފަހުން ޝައިމްގެ މައްސަލާގައި ތަފުސީލުތައް މިނިސްޓަރު ހާމަކުރެއްްވުމުން ވެސް އޭނާއަށް ފާޑުކިޔުންތައް އަމާޒުވި އެވެ. ޝައިމްގެ މައްސަލައާ ގުޅިގެން މިނިސްޓަރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ވެސް ހާޒިރުކޮށްފަ އެވެ.