ލައިފްސްޓައިލް

ކާންވީ މޮޅު އެއްޗަކީ ސީޑްސް!

ހަށިގަނޑުގައި ހުންނަ އިތުރު ފެޓްސްތަައް ނައްތާލަން ކެއުންބުއިމުގައި އެކި ފާޑު ފާޑުގެ ސީޑްސް ނުވަތަ އޮށް ބޭނުން ކުރުމަކީ މުހިއްމު ކަމެއް ކަމަށް ނިއުޓްރިޝަނިސްޓުން ބުނެ އެވެ. އަދި ހަށިގަނޑުގެ މުހިއްމު ދައުރެއް އަދާ ކުރާ މެޓަބޮލިޒަމް ރަނގަޅު ވަަރެއްގައި ހިފެހެއްޓުމަށް މި ސީޑްތަކުގެ ސަބަބުން އެހީވެދެ އެވެ.

މި ހިމަނާލާ ސީޑްތަކަކީ ކެއުންތަކުގައި ހިމެނިދާނެ ކަމަށް ނިއުޓްރިޝަނިސްޓުންވެސް ލަފާދޭ ބައެއް އެއްޗިއްސެވެ. މިއީ ކުދި ކުދި ސީޑްސް ކަމުގައި ވިޔަސް، ކޮންމެ އެއްޗެއްގައި އެތައް ފައިދާއެއް ހިމެނެ އެވެ. މައިކްރޯ ނިއުޓްރިއަންޓްސް ކަމަށްވާ ފޮލިކް އެސިޑް އާއި އަޔަން އަކީ ޑައެޓްރީ ފައިބާގެ ބާވަތްތަކެވެ.

ޗިއާ ސީޑްސް

މިއީ ޑައެޓުތައް ކުރާ މީހުންގެ މެދުގައި ވަރަށް މަގުބޫލު ސީޑްއެކެވެ. ހަފާލެވޭ ގޮތަށް ހުންނަ ކުދި ކުދި މި ސީޑްތައް ބަައެއް ފަހަރު "އިސްބަގޫލް" ސީޑްއާ ވެސް ވައްތަރު ގޮތެއް ހުރެ އެވެ. ނަމަވެސް، މިއީ ތަފާތު ދެ ބާވަތެކެވެ. ފަލޫދާ ކަހަލަ ބުއިންތަކުގައި ހިމަނާ "އިސްބަގުލު" ސީޑް އަށްވުރެ މި ސީޑް ކުދި ވާނެ އެވެ. ކިތަންމެ ކުދިކޮށް ހުރި ކަމުގައި ވިޔަސް، އޭގައި ފައިބާ އާއި ޕްރޮޓީން އަދި އޮމެގާ 3 ހިމެނެ އެވެ. ޗިއާ ސީޑްސް ޑައެޓުތަކުގައި ބޭނުން ކުރަނީ، މީގެ ސީޑްސް ކެއުމުން އިރު އިރު ކޮޅާ ކާހިތްވާ "ކްރޭވިންގްސް" ދުރުކޮށް ދޭތީ އެވެ.

ޗިއާ ސީޑްސް ކެއުމަށް، ސީރިއަލް އާއެކު ނުވަތަ އޯޓްސް އާއެކު ބޭނުން ކުރެވިދާނެ އެވެ. ފެނުގައި 15 ވަަރަކަށް މިނެޓު ބެހެއްޓުމަށްފަހު ދެން ބޭނުންކުރަންވީ އެވެ. ބައެއް ކަހަލަ ސެލެޑު ތަކުގައި ވެސް މީގެ އޮށް ބޭނުން ކުރެ އެވެ.

ސަންފުލާވާ ސީޑްސް

ސަންފްލާވާ ސީޑްސް އަކީ ބައެއް ގައުމުތަކުގައި ހުސް ވަގުތު ކެއުމަށް ވަރަށް ގިނައިން ބޭނުން ކުރާ އެއްޗެކެވެ. ހާއްސަކޮށް ޗައިނާ މީހުން މީގެ ސީޑް ލޮނުލައިގެންނާއި ހަކުރު ލައިގެން ވެސް ކާކަމަށް ވެ އެވެ. އަދި، ބައެއް ފަހަރު އެކި ކަހަލަ ތަފާތު ރަހަތައް ހިމަނައިގެން ވެސް ސަންފްލާވާ ސީޑްސް ކައެވެ. މީގެ ސީޑްގައި، ވިޓަމިން އީ އާއި ޕްރޮޓީން ހިމެނެ އެވެ. އެހެންކަމުން، ތަރުކާރީ ފެނު ކައްކައިގެން ކަަމުގައި ވިޔަސް މީގެ ސީޑްސް ކޮޅެއް ހިމެނުމުން އިތުރު ފައިދާތަކެއް ލިބޭނެ އެވެ.

ބޭސިލް ސީޑްސް

ބޭސިލް ސީޑްސް ގިނަ ފަހަރަށް ކެއުންތަކުގައި ހިމެނުމުގެ ބަދަލުގައި ފެންނަނީ ބުއިންތަކުންނެވެ. އަޔަން އާއި ކެލްސިއަމްގެ ބާވަތްތައް ހިމެނޭ މި ސީޑް އެކި ކަހަލަ ޖޫސްތަކުގައި ބޭނުން ކުރެވިދާނެ އެވެ. ލުނބޯ އަދި އޮރެންޖު ޖޫސްތަކަށް ބޭސިލް ސީޑްސް އެޅުމުން ތަފާތު ގޮތެއް ގެނުވަ އެވެ. އަދި، ފައިދާ ވެސް ލިބެ އެވެ.

މި ކަހަލަ ސީޑްސްގެ އިތުރުން މެލަން ސީޑްސް އަދި ފްލެކްސް ސީޑްސް އަކީވެސް އޭގައި ފައިދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. ހިއްކައިގެން ނުވަތަ ފެނަށްލާ ފޯކޮށްގެން ވެސް މިކަހަލަ ސީޑްސް ބޭނުން ކުރެ އެވެ.