ވިޔަފާރި

ގިނަ ގައުމުތަކެއްގެ ޓޫރިސްޓުންނާއެކު، އިތާފުށި ރިސޯޓް ހުޅުވައިފި

މެދު އިރުމައްޗާއި އެމެރިކާ އަދި ޔޫރަޕުން އައި ގިނަ އަދަދެއްގެ ޓޫރިސްޓުންނަށް މަރުހަބާ ކިޔައި، ވާލްޑޮފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓް މިއަދު ހުޅުވައިފި އެވެ.

މެދުއިރުމަތީގެ މަހުޖަނަކާއި ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު ގުޅިގެން ތަރައްގީ ކުރި މި ރިސޯޓުގެ މަސައްކަތް ކޮށްފައިވަނީ، ޖަނާގެ، ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރްކަޝަން (އެޗްއާރުސީ) ކުންފުނިންނެވެ.

ފަޅު ހިއްކައިގެން ތިން ރަށް ހިމެނޭ ގޮތަށް ހަދާފައިވާ މި ރިސޯޓުގައި 130 ކޮޓަރި ހުރެ އެވެ. މީގެ އިތުރުން މީގެ ކޮންމެ ތަނެއްގައި 10 ރެސްޓޯރަންޓާއި ކެފޭތައް ހުރެ އެވެ. މީގެތެރާގައި ގަހެއްގެ މަތީގައި ހަދާފައިވާ ރެސްޓޯރެންޓް ތަކެއް ވެސް ހުރެ އެވެ. މީގެ އިތުރުން މި ރަށުގައި 10 ޓްރީޓްމަންޓް ވިލާގެ ސްޕާ އާއި މޫދު ކުޅިވަރުގެ ހަރަކާތްތަކާއި ކައިވެންޏާއި ހާއްސަ ރަސްމިއްޔާތު ތަކަށް ހާއްސަކޮށް "ރޮމޭންޓިކް ވެޑިން ޕެވިލިއަން" ވެސް މި ރިސޯޓުގައި ހުރެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 30 މިނެޓުން ސްޕީޑް ލޯންޗުގައި ދެވޭ ރާސްތާގައި މާލެ އަތޮޅުގައި ހުޅުވާފައިވާ އިތާފުށި ހިންގާ، ހިލްޓަން ބްރޭންޑުން މީގެ ކުރިން ވެސް ރާއްޖޭގައި ރިސޯޓު ހިންގި އެވެ.