ހުސްނުއް ސުއޫދު

ބާ ކައުންސިލްގެ ރައީސްގެ މަގާމަށް ސުއޫދު ވާދަކުރައްވަނީ

ރާއްޖޭގައި މަސައްކަތް ކުރާ ގާނޫނީ ވަކީލުންގެ ހުރިހާ ކަމެއް ބަލަހައްޓައި ރެގިއުލޭޓް ކުރުމަށް އަލަށް އުފައްދާ ބާ ކައުންސިލްގެ ރައީސްގެ މަގާމަށް ހުސްނުއްސުއޫދު ވާދަކުރައްވަން ނިންމައިފި އެވެ.

ބަންޑާރަ ނައިބުގެ މަގާމު އަދާކުރެއްވި ހުސްނުއްސުއޫދަކީ ގިނަ އަހަރުތަކެއް ވަންދެން ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. މިހާރު ސުއޫދު އަދާކުރަމުންދަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ރައީސްގެ މަގާމެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން ބާ ކައުންސިލްގެ ރައީސް، ނައިބު ރައީސް، އަދި މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިއަދުގެ ވަގުތެއްގަ އެވެ.

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބުގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ، 2019 ޖުލައި 13 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ތިރީސް މިނުޓުގެ ތެރޭގައެވެ. މި އިންތިހާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2019 ޖުލައި 14 ވާ އާދީއްތަ ދުވަހު އެވެ.

އެގްޒެކެޓިވް ކޮމެޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން އިތުރު ހަ މެމްބަރެކެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި، އެހެން ހުރިހާ ބޭފުޅުން ވެސް އިންތިޚާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.