ކ. ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް މުހައްމަދު ރާގިބުއާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން އަންނަ މައްސަލާގައި ވަކި ގޮތެއް ކަނޑައަޅައި ނިންމެންދެން އޭނާ ސަސްޕެންޑު ކުރަން އެ ކޮމިޝަނުން މިއަދު ނިންމައިފި އެވެ.
ޖޭއެސްސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ޑިރެކްޓާ ހަސަން ޒަހީން ވިދާޅުވީ ފަނޑިޔާރު ރާގިބުއާ ގުޅޭ ގޮތުން ޖޭއެސްސީ އިން ތަހުގީގު ކުރަމުން އަންނަ ސުލޫކީ މައްސަލައާ މެދު ވެސް ގޮތްތަކެއް މިއަދު ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ. އެގޮތުން އޭނާ އިތުރަށް ވަޒީފާއަށް ދާނަމަ ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށް ކަނޑައަޅައި އޭނާ ސަސްޕެންޑު ކުރަން ނިންމާފައިވާ ކަމަށް ވެސް ޒަހީން ވިދާޅުވި އެވެ.
"އެ ފަނޑިޔާރު [ރާގިބު] މަސައްކަތަށް ނިކުމެ އުޅުމަކީ ތަހުގީގަށް ހުރަސް އެޅިފދާނެ ކަމަށް ގަބޫލު ކުރެވޭތީ ވަނީ ކޮމިޝަނުން މިއަދު ވަނީ އޭނާ ސަސްޕެންޑުކޮށްފައި،" ޒަހީން ވިދާޅުވި އެވެ.
ޒަހީން ވިދާޅުވީ އެ މައްސަލަައިގެ ތަހުގީގަށް މިހާތަނަށް ލިބުނު މައުލޫމާތުގައި ޖިނާއީ ބައިތަކެއް ވެސް ހިމެނޭ ކަމަށެވެ. އެހެންވެ އެކަންކަން އިތުރަށް ބެލުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ޒަހީން ވިދާޅުވި އެވެ.