ހަބަރު

ކްރިމިނަލް ސިވިލް ކޯޓަށް ގާޒީން ހޯދަން ކުރި އިއުލާނު ބާތިލުކޮށްފި

Jul 1, 2019

ކްރިމިނަލް ކޯޓަށާއި ސިވިލް ކޯޓަށް ގާޒީން ހޯދަން ކުރި އިއުލާނު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބާތިލުކޮށްފި އެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސިވިލް ކޯޓަށް ގާޒީން ހޯދަން މިދިޔަ މެއި މަހު ކުރި އިއުލާނުގެ އިތުރުން، ކްރިމިނަލް ކޯޓަށް އިތުރުކުރި ދެ ގާޒީންގެ މަގާމަށް ގާޒީންގެ ހޯދަން މިދިޔަ ހޯމަ ދުވަހު ކުރި އިއުލާނު ބާތިލުކޮށްފައިވާ ކަމަށެވެ.

އެގޮތުން، ސިވިލް ކޯޓަށް ގާޒީން ހޯދަން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލި ފަރާތްތަކުގެ އެޕްލިކޭޝަންތައްވެސް ބާތިލުވީކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ. ނަމަވެސް، އެ ކޯޓުތަކަށް ފަނޑިޔާރުން ނުނަގަން ނިންމި ސަބަބެއް އެ ކޮމިޝަނުން އަދި ހާމަކޮށްފައެއްނުވެ އެވެ.

އެ ދެ ކޯޓަށް ގާޒީން ނަގަން ނިންމާފައިވަނީ ފަނޑިޔާރުންގެ ގިނަ ސުލޫކީ މައްސަލަތަކެއް ބަލަމުންދާ ދަނޑިވަޅެއްގަ އެވެ. އޭގެ ތެރެއިން ބައެއް ފަނޑިޔާރުން އެ ކޮމިޝަނުން ވަނީ ސަސްޕެންޑްކޮށްފަ އެވެ.