ހަބަރު

ކްރިމިނަލް އަދި ސިވިލް ކޯޓަށް ގާޒީން ހޯދަނީ

Nov 21, 2019
1

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ގާޒީން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އިއުލާންކޮށްފި އެވެ.

ޖޭއެސްސީން އިއުލާންކުރީ ސިވިލް ކޯޓަށް ހަތަރު ގާޒީން ހޯދުމަށާއި ކްރިމިނަލް ކޯޓަށް އެއް ގާޒީއަކު ހޯދުމަށެވެ. އެ މަގާމުގެ ޝަރުތަކީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނީ ދާއިރާ އިން ފުރަތަމަ ޑިގްރީއެއް އޮތުމާ އެކު ފަނޑިޔާރު ކަމުގައި ނުވަތަ ވަކީލު ކަމުގައި މަދުވެގެން ދެ އަހަރުގެ ތަޖުރިބާ ހުރުމެވެ.

އެ އިއުލާނުގައިވާ ގޮތުން އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 48،000 ރުފިޔާ ލިބޭއިރު ސިވިލް ކޯޓުގެ ގާޒީއަކަށް މަހަކު 46،500 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ވެސް ލިބޭނެ އެވެ.

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ގާޒީން ހޯދަން އިއުލާނުކޮށްފައިވަނީ، ސިވިލް ކޯޓުގެ ދެ ގާޒީއަކު ދާދިފަހުން ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފައިވަނިކޮށެވެ. އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވެސް މިހާރު ހުންނެވީ ސަސްޕެންޑްކޮށްފަ އެވެ.