ރާޅު ގުޑި އިވެންޓް

ރާޅުގުޑި ދަތުރު: ދެވަނައެއް ނެތް ކައްޕި އާއި ފަޅުވެރިން!

ދިވެހިންނަކީ އަބަދުވެސް ކަނޑަށް ގަދަ ބައެކެވެ. ކަނޑުގެ ބިޔަ ބޮޑެތި ރާޅުތަކުގެ ތެރޭގައި ދަތުރު ކުރަން ކެރޭ، ޖެހިލުން ކުޑަ ބައެކެވެ. އޭގެ ޖެހިލުން ކުޑަ ތިން ޒުވާނަކާ ވަރަށް ގާތުން މިވަނީ ބައްދަލުވެފަ އެވެ. ރާއްޖޭގެ ދެކުނުން އުތުރަށް ކައިޓް ސާފުކުރުމަށް ކުރިއަށް ގެންދާ "ރާޅުގުޑި" ހަރަކާތުގެ ކައްޕިތާނާއި ދެ ފަޅުވެރިންނެވެ.

މި ދަތުރު ޑޮކިއުމެންޓް ކުރާ މީޑިއާ ކުރޫ އާއި ރެސްކިއު ޓީމް ދަތުރު ކުރަމުންދަނީ "އައިކޮމް"ގެ ސްޕީޑް ބޯޓެއްގަ އެވެ. މީގެ 14 ދުވަސް ކުރިން ފެށިގެން 15 މެންބަރުންގެ މި ކުރޫގެ "ގެ"އަކީ މިއީ އެވެ. ކުރޫއިންގެ ލޯބި ޖެހިފައިވާ މި "ގެ" ބޭނުންވާ މަންޒިލްތަކަށް ފޯރުކޮށްދެނީ އާދަމް ޔާމީން (ޔާންބެ) އެވެ. ޔާންބެގެ ކައްޕިކަމުގައި ދަތުރުގެ ސްޕީޑް ވަރަށް ބާރެވެ.

އައިކޮމްގެ ހަތް ކެޕްޓަނުންގެ ތެރެއިން އެއް ކެޕްޓަން ކަމަށްވާ ޔާންބެ، ސްޕީޑް ބޯޓްގެ ކައްޕިކަން ކުރާތާ މިހާރު ނުވަ އަހަރުވީ އެވެ. ކެލާއަށް އުފަން ޔާންބެގެ ދިރިއުޅުން މާފުށީގައި ބިނާވެފައިިވާއިރު އޭނާއަށް މި ވަޒީފާއަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ގަޔާވާ ވަޒީފާއެކެވެ.

ރާއްޖޭގެ އެތައް ރަށަކަށް މިހާރު ވެސް ދަތުރުކޮށްފައިވާ ޔާންބެއަށް ރާއްޖޭގެ ދެކުނުން އުތުރަށް ކުރާ މި ތާރީހީ ދަތުރުގައި ބައިވެރިވުމަށް ފުރުސަތު ލިބިގެންދިޔުންވީ ވަރަށް އުފާވި ކަމަކަށެވެ. މިއީ އޭނާއަށް އާ ގިނަ ކަންކަން ދަސްވި ތަޖުރިބާ ކުރެވުނު ދަތުރެކެވެ. މި ދަތުރަކީ ދާނެ މަންޒިލްތައް ކުރިން ކަނޑާ ލިޔެވިފައިވާ ދަތުރެއް ނޫނެވެ. ވައި ހުންނަ ގޮތަކުން ކޮންމެ ދިމާލަކަށް ވެސް ދާން ޖެހެ އެވެ. ފިނޮޅެއް ފަޅު ރަށެއް ފަޅެއް ނޯވެ އެވެ.

ކިތަންމެ ކުއްލި ގޮތަކަށް ދަތުރުގެ ޕްލޭން ބަދަލުކޮށްލިޔަސް އެ ބޭނުންވާ މަންޒިލަކަށް ވަރަށް ފަސޭހަކަމާއެކު ސްޕީޑް ބޯޓް ޔާންބެ ގެންގޮސްދެ އެވެ. ކައިޓް ސާފަރުންނާ އެއްވަރަށާއި އެމީހުންގެ ފަހަތުންނާއި ކުރިން ބޯޓް ދުއްވާލަ އެވެ. ކެމަރާތަކަށް ކައިޓް ސާފަރުން އެންމެ ރީއްޗަށް އަރާނެ ގޮތަށް ބޯޓް ސްޕީޑާއި މިސްރާބު ބަހައްޓަ އެވެ. އޭނާއަށް ދުއްވަން އުނދަގޫ، ވަންނަން އުނދަގޫ ތަނެއް ނެތެވެ. ކިތަންމެ ހަނި ދޭތެރެއެއް ވިޔަސް ކިތަންމެ ތިލަ ތަނެއް ވިޔަސް ޔާންބެގެ ބޯޓް އެ ތަނަކަށް ފަސޭހަ ކަމާއެކު ދެމިގަނެވެ.

ޔާންބެއަށް މިކަމުގައި އެންމެ ބޮޑު އެހީތެރިޔަކީ ރިފްޝާން މުހައްމަދު (ސޭޓް) އެވެ. މީގެކުރިން ކުށްވެރިން ކޯޓުތަކަށް ގެންދިޔުމާއި ޖަލުގައި ހަރަކާތްތެރި ކަރެކްޝަންގެ އޮފިސަރު ރިފްޝާން އައިކޮމްގެ ވަޒީފާއަށް ނުކުންނަން ފެށިތާ އަދި ހަ މަހެވެ. ފަޅުވެރިޔަކަށް އުޅޭތާ ވެސް ހަ މަހެވެ. އެކަމަކު އޭނާގެ ހަރަކާތްތަކާއި ކުޅަދާނަކަން ފެނިފައި އެ މުއްދަތު ގަބޫލުކުރަން އުނދަގޫވެ އެވެ. ހީވަނީ އެ މަސައްކަތުގައި އުޅޭތާ އަހަރުތަކެއް ވެއްޖެ ހެނެވެ.

ދަތުރުގެ މުޅި ކުރޫއިންނަށް ވެސް ފާހަގަވާ ކަމެއް އޮވެ އެވެ. ރިފްޝާންގެ ސާބިތުކަމެވެ. ބައެއް ފަހަރަށް ރިފްޝާންއަކީ "ބުދެއްތޯ" ސުވާލު ވެސް ކުރެވެ އެވެ. ބިޔަ ބޮޑެތި ރާޅުތައް ނަގައި ގަދައަށް ވައި ޖެހި ބާރު ސްޕީޑްގައި ބޯޓް ދުއްވާފައިދާއިރު ވެސް އެއްވެސް ޖެހިލުމެއް ނެތި ބޯޓްގެ ކުރީގައި ރިފްޝާން ވަލުގައި ހިފައިގެން ހުރެ އެވެ. އޭނާގެ ފަޔެއް އަތެއް ކަހާލައިގެން ނުދެ އެވެ. ކޮޅަކަށް އަރި ވެސް އަޅާނުލަ އެވެ. ޖެހޭ ވަޔާއި ރާޅުން ބުރުއްސާލާ ލޮނުތަކަކީ އޭނާގެ ގުޑުވާލާނެ ކަންކަމެއް ނޫނެވެ.

އެކަމަކު މިއީ މި ދަތުރުގެ ކުރީގެ ރިފްޝާން ނޫނެވެ. އެ ބިރު ފިލައި ގޮސް ޖެހިލުން ކުޑަވީ މި ދަތުރުގެ ތެރޭގަ އެވެ. މީގެކުރިން ގަދައަށް ވައި ޖެހޭނަމަ ރިފްޝާން އޮންނަނީ ބިރުން ބޯޓް ތެރޭގައި ކަނަކަށް ވަދެ އެވެ. މި ދަތުރާމެދު ރިފްޝާން އެންމެ އުފާވަނީ ވެސް އެހެންވެ އެވެ. އޭނާއަށް މި ދަތުރުގައި ގިނަ އާ ކަންތައްތަކެއް ދަސްވެ އާ ތަޖުރިބާތަކުން އަމިއްލަ ނަފުސާމެދު އަޒުމު ވަރުގަދަވުމުންނެވެ. ބޯޓްގެ ކަންކަމުގެ އިތުރުން އެތުލީޓުންނަށް ކައިޓް އެރުވުމުގައި ވެސް ރިފްޝާން އެހީތެރިވެދެ އެވެ. ކައިޓަށް އަރާ ދުއްވާލުން ނޫން އެހެން ހުރިހާ ކަމެއް ކައިޓް ސާފިންއާ ގުޅޭ ގޮތުން އޭނާއަށް މިހާރު ދަހެވެ.

ދެން ބޯޓްގައި ހުރި ފަޅުވެރިޔާ ވެސް ހަމަ އެފަދަ އެވެ. ގޮތަކަށް ބުނާނަމަ، މި ދަތުރުގެ އެންމެ ބޮޑު ރޫހަކީ މިއީ އެވެ. އިބްރާހިމް ޝަރީފެވެ. ދަތުރުގެ ބައިވެރިންގެ ނަމުންނަމަ "ޑެބްސް" އެވެ. ޝަރީފް އައިކޮމްގައި ފަޅުވެރިއެއްގެ ވަޒީފާ އަދާކުރާތާ މިހާރު ހަތަރު އަހަރުވީ އެވެ. ދަތުރުގެ ކުރޫއިންނަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދެނީ ޝަރީފެވެ. ބަނޑުހައިވޭތޯ ކަރު ހިއްކާތޯ ވެސް ބަލަނީ ޝަރީފެވެ. ހަމައެހެން، މުޅި ދަތުރުގެ މުނިފޫހިފިލުވައިދެނީ ވެސް ޝަރީފެވެ. އޭނާގެ މިޒާޖާ ނުގުޅޭ މީހަކު ނެތެވެ. ކުއްލިއަކަށް ބުނެލާ ޖޯކްތަކުން އެންމެން ހެއްވާލަ އެވެ. އެންމެންނަށް އެންމެ ކަމުދާ މީހަކީ އެއީ އެވެ. އެންމެންނަށް އަޅާލާ މީހަކީ ވެސް އެއީ އެވެ.

ޝަރީފަކީ ޖެހޭ ކޮންމެ މަސައްކަތެއް ވެސް ކުރުމަށް ތައްޔާރަށް ހުންނަ މީހެކެވެ. ބޯޓްގެ ފަޅުވެރިއެއްގެ ގޮތުގައި އުޅުމަކީ އޭނާގެ ވަޒީފާ އެވެ. އެކަމަކު، އެތުލީޓުންނަށް އެހީވުމަށް ކުރަން ޖެހުނު ކޮންމެ ކަމެއްގައި ވެސް އިސްވެ އަތުކުރި އޮޅާލަނީ ޝަރީފެވެ. ކައިޓް އެރުވުމަށް ވިޔަސް ފުއްޕަން ވިޔަސް ޝަރީފުގެ އެހީ އޮވެ އެވެ. ކައިޓާއި ބޯޑްތައް ބޯޓުން ބާލަން ވިޔަސް އަނބުރާ އަރުން ވިޔަސް އެކަމެއް ކުރަނީ ޝަރީފެވެ. ހަމައެހެން ލިބޭ ހުސް ވަގުތުތަކުގައި ކެމެރާ ހިފާލައިގެން ފޮޓޯއެއް ނެގޭތޯ ވެސް އުޅެ އެވެ. މިފަދަ ދަތުރެއްގެ ބައިވެރިއަކަށްވުމުން ޝަރީފް ވެސް އުފާވަނީ އެހެންވެ އެވެ.

އޭނާ ބުނި ގޮތުގައި މިހާ ތަފާތު، ތާރީހީ ދަތުރެއްގެ ބައިވެރިއަކަށްވާން ފުރުސަތު ލިބުމަކީ އޭނާއަށް ޝަރަފެކެވެ. ވަރަށް އުފާވާ ކަމެކެވެ. ގިނަ އާ ތަޖުރިބާތަކަކާއި އެކުވެރިންތަކެއް ޝަރީފަށް މި ދަތުރުން ވަނީ ލިބިފަ އެވެ. މުޅި އުމުރަށް ރައްކާކުރާނެ އުފާވެރި ހަނދާންތަކެއް ވަނީ ލިބިފަ އެވެ.

ހަމަ ޔަގީނުން ވެސް މި ދަތުރު މިހާ ކާމިޔާބުވުމުގައި ޔާމިން އާއި ރިފްޝާން އަދި ޝަރީފްގެ ހިއްސާ ވަރަށް ބޮޑެވެ. އެމީހުންގެ މަސައްކަތަކީ ހިތްވަރާއި ސާބަސް ހައްގު މަސައްކަތެކެވެ. މި ދަތުރު މިއަދު ނިމިގެންދާއިރު ދަތުރުގެ ބޯޓް އެންމެ ފަހަރަކު ވެސް ފަރަށް ނާރާ ކުރިއަށް ދިޔައީ ޔާމީންގެ ކައްޕިކަމުގައި ރިފްޝާން އާއި ޝަރީފްގެ ކުޅަދާނަކަމުންނެވެ.