ލައިފްސްޓައިލް

ކާމިޔާބު ސަޅި، އަންހެނުންގެ އާދަތައް!

ކާމިޔާބީ އަކީ ބޮޑު މުސާރައެއް ލިބޭ ވަޒީފާއެއްގައި ހުރުން ހެއްޔެވެ؟ އަމިއްލަ ގެއެއް ހުރުން ހެއްޔެވެ؟ އަމިއްލަ ވިޔަފާރިއެއް އޮތުން ހެއްޔެވެ؟ ނުނީ އާއިލާއެއް ފެށިފައި އޮތުން ހެއްޔެވެ؟ އަދި ރޭގަނޑު ނިދަން އެނދުގައި އޮށޯންނަ އިރު އުފާވެރިކަމުގެ އިހުސާސެއް ކުރެވުން ހެއްޔެވެ؟ މިއިން ކޮންމެ ގޮތަކަށް ކާމިޔާބު މާނާ ކުރި ކަމުގައިވީ ނަމަވެސް ކާމިޔާބު އަންހެނުން، އެމީހުންގެ ޒާތީ ދިރިއުޅުމުގަ އާއި މަސައްކަތުގައި ކާމިޔާބަށް ވާސިލުވުމުގައި އެމީހުންގެ ގެންގުޅޭ ވަކި އާދަތަކެއް މުހިއްމު ރޯލެއް ކުޅޭނެކަން ޔަގީނެވެ.

ކާމިޔާބު އަންހެނުން އަމިއްލަ ނަފުސަށް ވަގުތު ހުސްކުރޭ

މަސައްކަތުގައި އުޅެމުން، ދަރިންގެ ކަންތައް ބަލަހައްޓަމުން އަދި ގޭ ބަލަހައްޓަމުން އަމިއްލަ ނަފުސަށް ވަގުތު ހޯދުމަށް އުނދަގޫ ވެދާނެ އެވެ. ނަމަވެސް ކާމިޔާބީއަށް ދެވެނީ ބިޒީ ޝެޑިއުލްއިން އަމިއްލަ ނަފްސަށް ވަގުތުކޮޅެއް ހުސް ކޮށްލައިގެނެވެ. އެހެން ހުރިހާ މީހުނާއި އަޅާލައި ވަގުތު ދިނުމަށް ޝެޑިއުލް ކުރާއިރު އަމިއްލަ ނަފްސަށް ވެސް މަޑުޖެހިލާ ކަންކަމާ ވިސްނާ ފިކުރު ކޮށްލަން ވަގުތުކޮޅެއް ދޭން ވެއެވެ. ރައްޓެހިންނާއި ބައްދަލު ކޮށްލާ، ހިނގާލަން ދިއުން ނުވަތަ ސެލޫންއަކަށް ދިއުން ނަމަވެސް އެވެ. މީގެ މުހިއްމީ އަމިއްލަ ނަފްސަށް ވަގުތު ހޯދުމެވެ.

ކާމިޔާބު އަންހެނުން އަމިއްލަ ނަފްސަށް ޗެލެންޖް ކުރާނެ

ކާމިޔާބު އަންހެނުން އާ ކަންކަން ތަޖުރިބާ ކުރަން ޗެލެންޖު ކުރާނެ އެވެ. ކަންކަމަށް ހޭލުންތެރިވެފައިވާ މިންވަރު އިތުރު ކުރުމަށާއި، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އެމީހަކު ބޭނުންވާ ލަނޑުދަނޑިތަކެއް ކަނޑައަޅާ އެކަންކަން ހާސިލު ކުރަން މަސައްކަތް ކުރާނެ އެވެ. އަބަދު ކަންކަން ކުރާ އެއް ގޮތަކަށް ކުރުމުގެ ބަދަލުގައި އާ ގޮތްގޮތް ހޯދާ ކަންކަން ހާސިލްކުރާ މިންވަރު އިތުރު ކުރަން މަސައްކަތްކުރާނެ އެވެ.

ކާމިޔާބު އަންހެނުން އުނގެނެން އިސްކަން ދޭނެ

ކާމިޔާބު ކޮންމެ މީހަކު އަތުގައި ޔުނިވާސިޓީއަކުން މާސްޓާސް ޑިގްރީ އެއް ނެތް ކަމުގައިވީ ނަމަވެސް އެމީހަކަށް ވަރަށް ބޮޑަށް ކަންކަން ހޯދާ ބަލާ ދިރާސާކޮށް މައުލޫމާތު ހޯދުމުގެ މުހިއްމުކަން އެނގެ އެވެ. ރިސާޗްކޮށް އެއްޗެހި ކިޔާ ސުވާލު ކުރާނެ އެވެ. ކަމެއް ނޭނގުނަސް އަހާ އޮޅުންފިލުވާ ހަދާނެ އެވެ.

ޖަޒުބާތު ކޮންޓްރޯލް ކުރަން އެނގޭ

މަންމައެއް ނަމަ ކުދިން ބައިތިއްބާފައި އޮފީހަށް ދާން ގިނަ ފަހަރަށް "ގިލްޓީ" ވެވޭ ފަހަރާއި ކުދިން ބަލަން ހުސް ވެގެން ގޭގައި ހުންނަ ނަމަ ދިރިއުޅުމުގެ ހަރަދު ބެލެންސް ކުރުމަށް އެހީތެރި ނުވެވޭތީ ގިލްޓީ ވެއެވެ. ނަމަވެސް ކާމިޔާބު މީހުން މި ޖަޒުބާތު ކޮންޓްރޯލް ކުރާ ގޮތަކީ މި އިހުސާސް އެމީހުން ކުރަނީ ކުދިންނަށާއި އާއިލާއަށް އެންމެ ރަނގަޅު ގޮތަށް އެދޭތީ ކަމަށް ބަލައިގެނެވެ. އެހެންކަމުން މިގޮތަށް މިކަމާއި މެދު ގިލްޓީވެ ހާސްވާކަމުގައި ވީނަމަވެސް މި ޖަޒްބާތު ކޮންޓްރޯލް ކުރާނެ އެވެ.

ދުޅަހެޔޮވުމަކީ ޖިމަކަށް ދިއުން އެކަންޏެއް ނޫން

ދުޅަހެޔޮގެ ސިއްހަތެއްގައި ހުރުމުގެ މާނައަކީ ހަމައެކަނި ކަސްރަތާއި ރަނގަޅު ކާނާ ކެއުން ނޫން ކަން ކާމިޔާބު މީހަކަށް އެނގޭނެ އެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މީހާގެ ހިތްހަމަޖެހުމާއި އުފާވެރިކަން ވެސް މުހިއްމު ރޯލެއް އަދާ ކުރެއެވެ. ނަފްސާނީ ދުޅަހެޔޮކަމާއި އެކު ޖިސްމާނީ ގޮތުން ވެސް ދުޅެހެޔޮވުމަށް މަސައްކަތް ކުރާނެ އެވެ.

އަތްމަތި ބަލަހައްޓަން އެނގޭ

ކާމިޔާބު އަންހެނުން ކާމިޔާބު ވަނީ އެމީހުންނަށް އެމީހުންގެ އަތްމަތި ބަލަހައްޓަން ރަނގަޅަށް އެނގޭތީ އެވެ. މާލީގޮތުން ކަންކަން ބެލެންސް ކުރަން އެނގި، އަމިއްލައަށް އެމީހާގެ މާލީ ކަންކަން ނިންމަން އެނގުމަކީ ކާމިޔާބު މީހުންގެ ގޮތެކެވެ. މާލީގޮތުން އަމިއްލަ ނަފްސަށް އިތުބާރު އޮންނާނެ އެވެ. އަދި ހަރަދުވާ ވަރާއި ލިބޭ އާމްދާނީ ރަނގަޅަށް ބަލަހައްޓަން އެނގޭނެ އެވެ.

ކޮންމެހެން އަބަދު ވަޒީފާގައި އުޅޭކަށް ނުޖެހޭ

ކާމިޔާބު އަންހެނުންނަކީ ކޮންމެހެން ވޯކްއަހޯލިކުންނެއް ވެސް ނޫނެވެ. ބައެއް ފަހަރު މަސައްކަތް އިސްކުރަން ޖެހޭ ފަހަރު އަންނާނެ އެވެ. ނަމަވެސް ކާމިޔާބު މީހުންނަށް އެމީހުންނަށް ފަހަތަށްޖެހި އަމިއްލަ ކަމެއް ބެލުމަށް ދުރަށްޖެހިލަންވާ ވަގުތު އިނގޭނެ އެވެ. މަސައްކަތުން ދުރުވެ މަޖާކޮށްލަން ވެސް އެނގޭނެ އެވެ. ކާމިޔާބު އަންހެނެއް ނަމަ މާލީ މިނިވަންކަން ވެސް އޮންނާނެ އެވެ. ވަޒީފާއިން ލިބޭ މުސާރައަށް ބަރޯސާވުމުގެ ބަދަލުގައި އާ ކަންކަން ދަސްކުރާނެ އެވެ. އެކަންކަމުން މަންފާއެއް ލިބޭ ގޮތެއް އޮތްތޯ ބަލާނެ އެވެ. ހުރިހާ ކޮޅެއް ބަލާ ރަނގަޅު ގޮތެއް އަބަދުވެސް ނިންމައިގެން ތައްޔާރަށް ތިބެނީ ކާމިޔާބު މީހުންނެވެ.

ބޮޑެތި ކަންކަމާ އެއްގޮތަށް ކުދިކަންކަންވެސް ފާހަގަކުރާނެ

ހަޔާތުގައި ކަމެއް ހާސިލުވުމުން އެކަމެއް ފާހަގަކުރާ ގޮތަށް ކުޑަ ކަމެއް ހާސިލުވުމުން ވެސް އެކަމެއްވެސް ކާމިޔާބު މީހުން ފާހަގަ ކުރާނެ އެވެ. ކަންކަން ފާހަގަ ކުރުމަކީ ކުރިއަށްދާން ލިބޭ ހިތްވަރެއްކަން ދަނެ މި އާދަވެސް ކާމިޔާބު މީހުންގެ ކިބައިގައި ހުންނާނެ އެވެ.

އެހެންމީހުންނަށް އެހީތެރިވެ އޯގާތެރިކަން ފޯރުކޮށްދޭނެ

ކާމިޔާބު މީހުންނަކީ އެހެން މީހުންނަށް ވެސް އެހީތެރިވެ އެހީއަކަށް އެދިއްޖެ ނަމަ އެޙީތެރިކަން ފޯރުކޮށްދޭނެ ބައެކެވެ. ކާމިޔާބީގައި ވެސް ހިތް ތިރި ވާނެ އެވެ.